Last Updated: November 26, 17:50
Tuesday, November 26, 2024
ޚަބަރު

ކަމަދޫ ކަނބަލުންނާ "ފޮށެނީ" ކަމަށް ބުނެ އާޒިމާގެ ނުރުހުން!

ބޮޑު އީދު ފާހަގަކުރަން ބ. ކަމަދޫގައި ބާއްވަމުން އަންނަ ހަރަކާތްތަކުގައި ބައިވެރިވާ އެ ރަށު ޒުވާން އަންހެން ކުދިންގެ ރީތިކަމުގެ ވާހަކަ މިހާރު ފޮޓޯތަކާ އެކީ ސޯޝަލް މީޑިއާގައި އެކި މީހުން ދައްކަމުން ދާތީ އެއީ "ފޮށުން" ކަމަށް ވިދާޅުވެ ކުރީގެ އެޓާނީ ޖެނެރަލް އާޒިމާ ޝަކޫރު ނުރުހުން ފާޅުކުރައްވައިފި އެެވެ.

އޭނަ ފޭސްކުގައި "ފީލިން ޑިސަޕޮއިންޓެޑް" އާ އެކީ ވިދާޅުވީ ކަމަދޫ އަންހެން ކުދިން ހުނިހަޖާ ލައިގެން، ފޮޓޯ ޝެއާކޮށްފައި އެކި ފާޑުގެ ސްޓޭޓަސް ޖަހާ އިރު އެ ކުދިންގެ "މައްސަލަ" އަކީ ރީތިވުން ކަމަށެވެ.

"އެ ކުދިން ކުރި ކަމަކީ ރީތިވުމެވެ. އަންހެނުންނަށްވުމެވެ. މީ ފޮށުން ނޫން ކޮން ކަމެއް ހެއްޔެވެ؟ އޮބްޖެކްޓިފައި ކުރުން ނޫން ކޮން ކަމެއް ހެއްޔެވެ؟" އާޒިމާ ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ ހަރުދަނާކަމަށް ހީކުރި ބައެއް މީހުން ވެސް ސޯޝަލް މީޑިއާގައި ދަނީ ކަމަދޫ ކަނބަލުންނާ "ބެހި" ސްޓޭޓަސްތައް ޖަހަމުން ޖަހަމުންނެވެ.

"ރީތިވީމަ، ނޫނީ ނަށަން ނިކުތީމަ ފޮށެވެނީއޭ ބުނާށެވެ. ރޭޕް ކުރަނީ ރޭގަނޑު ބޭރަށް ދާތީ އޭ ވެސް ބުނަނީތާ އެވެ،" އާޒިމާ ވިދާޅުވި އެވެ. "އީދު ކުޅިވަރުގައި އެތައް ފިރިހެނުންނެއް ބައިވެރިވެ އެވެ. އެކަމަކު އެ މީހުންނަކާ މި ބީދައިން ނޮފެށެ އެވެ."

އޭނަ ވިދާޅުވީ ދިވެހިން ބޭނުން ވަނީ ސިންގަޕޫރާއި ޖަޕާނާ އެއް ފެންވަރަށް ރާއްޖެ ތަރައްގީ ކުރަން ކަމަށެވެ.

"އެކަމަކު ސިކުނޑީގައި ތަހުޒީބު ކަމެއް، ވިސްނުމެއް އަހުލާގެއް ނެތެވެ." އާޒިމާ ވިދާޅުވި އެވެ.