އިންސާނުންގެ ސިއްހަތަށް ޕްލާސްޓިލުން ކުރާ ނޭދެވޭ އަސަރުތައް ދިރާސާ ކުރުމަށް ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން ފިރިހެނުންތަކެއްގެ ޖިންސީ ގުނަވަނުން ނަގާފައިވާ ޓިޝޫ ސާމްޕަލްތަކުން ވެސް މައިކްރޮޕްލާސްޓިކް ފެނިފައިވާ ކަމަށް އިއްޔެ އާންމުކުރި ރިޕޯޓެއްގައި ބުނެފި އެވެ.
ޔޯ ސެކްޝުއަލް މެޑިސިން ޖާނަލްގައި އިއްޔެ އާންމުކޮށްފައިވާ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ދިރާދާ ފަސް މީހެއްގެ ޖިންސީ ގުނަވަނުން ޓިޝޫން ސާމްޕަލް ނަގައިގެން ކުރިއަށް ގެންދިޔަ ތަހުލީލުން ހަތަރު މީހެއްގެ ޓިޝޫތަކުން މައިކްރޮޕްލާސްޓިކްގެ ހަތް ބާވަތެއް ފެނިފައިވެ އެވެ.
މައިކްރޮޕްލާސްޓިކަކީ ހަމަލޮލަށް ނުފެންނަ ވަރުގެ ޕްލާސްޓިކްގެ ކުދިކުދި އެތިކޮޅުތަކެވެ. އެއީ ގާތްގަނޑަކަށް 0.2 އިންޗި ނުވަތަ 5 މިލިމީޓަރުގެ އެތިކޮޅުތަކެވެ.
ދިރާސާގައި އިސްކޮށް މަސައްކަތް ކުރެއްވި އެމެރިކާގެ މަޔާމީ ޔުނިވަސިޓގެ ރިޕްރޮޑަކްޓިވް ޔޫރޮލޮޖީގެ ތަޖުރިބާކާރު ޑރ. ރަންޖީތު ރާމަސާމީ ވިދާޅުވީ ޕްލާސްޓިކްގެ ނުފޫޒު އިންސާނުންގެ ދިރިއުޅުމަށް އޮތް މިންވަރަށް ބަލާ އިރު، އިންސާނުންގެ ޖިންސީ ގުނަވަނާ ހަމައަށް ޕްލާސްޓިކް ނުރައްކާ ފޯރާފައިވުމަކި އޭނަ ކުރިން ވެސް ލަފާ ކުރެއްވި ކަމެކެވެ.
އަދި މި ދިރާސާ އިން މިހާރު އިތުރަށް ކަށަވަރުވެއްޖެ ކަމަށާއި ދެން އޮތީ މީގެ ސަބަބުން ޖިންސީ ދުޅަހެޔޮ ކަމަށް ކުރިމަތިވާ މައްސަލަތައް އިތުރަށް ބލައި ހޯދުން ކަމަށެވެ.
ދިރާސާ އަށް ޖިންސީ ގުނަވަނުގެ ޓިޝޫ ސާމްޕަލް ނެގި ފިރިހެނުންނަކީ ކުރިން ވެސް އިރެކްޓައިލް ޑިފަންކްޝަން (އީޑީ) ނުވަތަ ޖިންސީ ގުނަވަނުގައި ބާރު ނުޖެހުމުގެ މައްސަލަ ދިމާވެގެން ޕީނައިލް އިމްްޕްލާންޓް ސާޖަރީތަކެއް ވެސް ހަދާފައިވާ ބައެކެވެ. އެ މީހުންގެ ޓިޝޫ ސާމްޕަލްތަކުން ފެނުނު މައިކްރޮޕްލާސްޓިކްގެ ބާވަތްތަކުގެ ތެރޭގައި ޕޮލިތެލީން ޓެރަފެތަލޭޓް (ޕީއީޓީ) އާއި ޕޮލީޕްރޮޕީލީން (ޕީޕީ) ހިމެނެ އެވެ. މިއީ މައިކްރޮޕްލާސްޓިކްގެ ބާވަތްތަކުގެ ތެރެއިން އެންނެ ނުރައްކާތެރި ދެ ބާވަތެވެ.
އެހެންވެ މިހާރު މިހާރު އަންނަނީ އީޑީ ދިމާވީ މި ޒާތުގެ ކުދިކުދި ޕްލާސްޓިކް އެތިކޮޅުތަކުގެ ސަބަބުންތޯ އިތުރަށް ދިރާސާ ކުރަމުންނެވެ.
"އެބަޖެހޭ މިހާރު އީޑީ އާއި އެ ނޫން ވެސް ޖިންސީ ގުނަވަނަަށް ދިމާވާ ތަފާތު މައްސަލަތަކާއި މައިކްރޮޕްލާސްޓިކާ އޮތީ ކިހާ ވަރެއްގެ ގުޅުމެއްތޯ ބަލަން." ރަންޖީތު ވިދާޅުވި އެވެ.
މީގެ ކުރިން ހަދާފައިވާ ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ޕްލާސްޓިކް ފެންފުޅީގައި މައިކްރޮޕްލާސްޓިކް އެކުލެވިގެންވެ އެވެެ. އެގޮތުން ލީޓަރެއްގެ ފެންފުޅިއެއްގައި އެކަނި ވެސް 240،000 މައިކްރޮޕްލާސްޓިކް އެކުލެވިގެންވެ އެވެ.
އެހެންވެ ޕްލާސްޓުކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ބޯ ނަމަ ނުވަތަ އެފަދަ އެއްޗެހީގައި ބަންދުކޮށްފައި ހުންނަ ކާ އެއްޗެހިން ވެސް ހަށިގަނޑަށް ޕްލާސްޓިކް އެތެރެވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.
މި ސަބަބަށްޓަކައި ޕްލާސްޓިކް އެއްޗެހީގައި ބަންދުކޮށްފައި ހުންނަ ފެނާއި ކާއެއްޗެހި ބޭނުން ކުރުމާ މެދު ވަރަށް ބޮޑަށް ފަރުވާތެރި ވާން ޖެހޭ ކަމަށް ރަންޖީތު ވިދާޅުވި އެވެ.
"މިކަމާ ގުޅުވައި އަހަރެމެންނަށް މި ވަގުތު ދެވެން އޮތް އެންމެ މުހިއްމު އިރުޝާދަކީ އެފަދަ އެއްޗިއްސާ ވީހާ ވެސް ބޮޑަށް ދުރުވާށޭ. އަދި މިކަމުގައި އިތުރަށް ކުރަން ޖެހޭ ދިރާސާތައް ވެސް އަދި ކުރިއަށް ހުރީ." އޭނަ ވިދާޅުވި އެވެ.