ކުށްކުރާ ކުޑަކުދިންގެ މައްސަލައަށް އޮތް ހައްލަކީ ކުށުގެ ޒިންމާ އުފުލަންޖެހޭ އުމުރު ދަށްކުރުން ނޫން ކަމަށާއި އެކަމަށް އޮތް ހައްލަކީ ކުދިންގެ މާހައުލު ބަދަލު ކުރުން ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
ޕީޖީ ޝަމީމް އޭނާގެ އަމިއްލަ ބްލޮގުގައި "ކުށްކުރާ ކުޑަކުދިން – ޙައްލަކީ ޢުމުރު ދަށްކުރުމެއް ނޫން، މާޙައުލު ބަދަލުކުރުން" މި ސުރުހީގެ ދަށުން ލިޔުއްވާފައިވާ ލިޔުމުގައި ވިދާޅުވެފައިވަނީ ބޮޑެތި މީހުން ކުށްކުރާ ސަބަބުތަކާއި ކުޑަކުދިން ކުށް ކުރާ ސަބަބުތަކާ ތަފާތު ކަމަށެވެ.
ފުލުހުންގެ ތަޙްޤީޤީ ދާއިރާއާއި ސަރުކާރުގެ ބައެއް ފަރާތްތަކުން ދެކެނީ ކުދިން ކުށަށް އަރައިގަތުން ހުއްޓުވުމަށް އޮތް ހައްލަކީ ކުށުގެ ޒިންމާ އުފުލަންޖެހޭ އުމުރު ދަށްކުރުންކަން ފާހަގަކޮށް ޝަމީމް ވިދާޅުވެފައިވަނީ، ޖިނާއީ ތަހުޤީޤުކުރުމާއި، ދައުވާކުރުމާއި ޖަލުގައި ބަންދުކުރުމަކީ އޭގެ ޒާތުގައި، އިޖްތިމާއީ މައްސަލަތަކަށް އޮތް ހައްލެއް ނޫން ކަމަށެވެ.
"ޖަލުގެ އާބާދީގެ 70% އަށްވުރެ މަތީ މީހުންނަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ޖަލުގައި ތިބި މީހުންނެވެ. ޖިނާއީ ދަޢުވާކޮށް، މީހުން ޖަލަށް ލައިގެން ކަމެއް ޙައްލުވާނަމަ، ދިވެހިރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލައެއް ނުއޮތީހެވެ." ޝަމީމް އޭނާގެ ބްލޮގުގައި ލިޔުއްވާފައިވެއެވެ.
ޝަމީމް ވިދާޅުވީ މީހުން ޖަލުގައި ބަންދުކުރުމުގެ ފަލްސަފާ ނިޔާކުރަނީ، ޖަލުގައި މީހުން ފަރުވާދީ، ރަނގަޅު މީހުންގެ ގޮތުގައި އަނބުރާ މުޖްތަމައަށް ގެނައުން ކަމަށާއި ނަމަވެސް އެފަދަ ފުރިހަމަ ހިދުމަތެއް ރާއްޖޭގައި އަދި ނުދެވޭ ކަމަށެވެ. އަދި އަލަށް ކުށްކުރާ ކުޑަކުއްޖަކު ޖަލަށްލުމަކީ ކުށުން ދުރުހެލިކުރުވުމަށްޓަކައި ކުރަން އެހައި ރައްކާތެރިކަމެއްގެ ގޮތުގައި ނުފެންނަ ކަމަށްވެސް ވިދާޅުވިއެވެ.
"މިއީ، ކުދިން އަލިފާނުން ރައްކާތެރިކުރުމަށްޓަކައި، އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެކެވެ."
ރާއްޖޭގައި ކުޑަކުދިން ކުށްކުރާކަމަށް ފެންނަނީ، އެކުދިންގެ މާހައުލުން އެކަމަށް ހިތްވަރު ލިބޭތީކަން ފާހަގަކޮށް ޝަމީމް ވިދާޅުވީ ކުށަށް ހިތްވަރުލިބޭ މާހައުލެއްގައި ނެތް ކުއްޖަކު ކުށެއް ކޮށްގެން، ޖިނާއީ އަދުލުގެ ނިޒާމުގެ ސަމާލުކަމަށް އައިސްފައެއް ނުވާކަމަށެވެ. އެހެންކަމުން ކުޑަކުދިން ކުށްކުރުމުން ދުރުހެލި ކުރުމަށްޓަކައި ކުރަންވީ އެއްކަމަކީ ކުށުގެ ނުރައްކަލަށް ހުށަހެޅިފައިވާ ކުދިން ތިބި މާހައުލު ބަދަލުކުރެވޭތޯ ބެލުންކަން ޝަމީމް ފާހަގަ ކުރެއްވިއެވެ.