Last Updated: November 25, 22:26
Monday, November 25, 2024
ޚަބަރު

މަރުގެ ދައުވާ އުފުލި މީހަކު ޑްރަގްސްއާ އެކީ ހައްޔަރަށް

ނަދީމް އިބްރާހީމް (ނަޑޭ) މަރާލި ކަމަށް ދައުލަތުން ދައުވާ ކުރި މައްސަލަ ސާބިތުނުވެގެން ދޫކޮށްލި މުހައްމަދު ކަރަމް ސުހައިލް، މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.

ގއ. ގެމަނަފުއްޓަށް ނިސްބަތްވާ ސުހައިލަކީ ނަޑޭގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ ކުރި ހަތަރު މީހުންގެ ތެރެއިން މީހެކެވެ.

ކަރަމް، މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅެ އަދި ޓްރެފިކް ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދަށް ހަތް ދުވަސް ޖަހާފައުވެ އެވެ.
ބަންދު އަމުރުގައިވާ ގޮތުން އޭނަ ބަންދު ކުރީ މުޖުތަމައުގެ ސަލާމަތާ ރައްކާތެރިކަމަށްޓަކަ އެވެ. ކަރަމްގެ އަތުން ފެނުނު މަސްތުވާތަކެތި ޓްރެފިކް މިންގަނޑަށް އަރާކަމާއި އަދި އެއީ ޖިނާއީ ބޮޑު ކުށެއްކަން ބަންދު އަމުރު ރިޕޯޓުގައި ބުނެފައިވެ ވެ އެވެ.

އެ ހަތަރު މީހުންގެ މައްޗަށްވެސް ގަސްތުގައި މީހަކު މަރާލި ކަމުގެ ދައުވާ ސާބިތު ނުވިއެވެ. އެ މައްސަލަތައް މިހާރު ހައިކޯޓުގައި އޮތް އިރު، މި މައްސަލައިގައި ހިމެނޭ މުހައްމަދު ކަރަމް ސުހައިލް ޑްރަގް ޓްރެފިކިންގެ މައްސަލައެގައި ހައްޔަރު ކުރުމާ ހަމައަށް ހުރީ މިނިވަން ވެފައެވެ.

އޭނާ ހައްޔަރު ކޮށްދިނުމަށް ދައުލަތުން ހައިކޯޓުގައި ކުރިން އެދުނު ނަމަވެސް އޭނާ ހައްޔަރު ކުރާނެ ތަނެއް ނެތް ކަމަށް ހައިކޯޓުން އޮތީ ކަނޑައަޅާފައެވެ.

ޓާމިނަލް ކެފޭ ތެރޭގައި ޖުލައި 2017 ގައި ނަޑޭގެ ބޮލަށް ތޫނު އެއްޗަކުން ހަަލާދީ މަރާލި މައްސަލާގައި ކަރަމްގެ އިތުރުން ދައުލަތުން ދައުވާކުރީ ގ. ޝާރާޒް ހުސައިން މަފާޒް ސަލީމާއި، ލ. ގަން ވިދާތަރި އަލީ ނިފާޒާއި، ރ. އިންނަމާދޫ ސަމަންތާ ހުސައިން ޝާމީންގެ މައްޗަށެވެ.

މީގެ ތެރެއިން ދެ މީހަކު ހައި ކޯޓުގެ އަމުރަކަށް މިހާރު ތިބީ ބަންދުކޮށްފަ އެވެ.

ކަރަމް ވެސް ހިމެނޭ ގޮތަށް ހަތަރު މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2022 ގަ އަހަރުއެވެ.

އެ މައްސަލައިގެ އިސްތިއުނާފު ހައި ކޯޓް މިހާރު އޮތީ ފަށައިފަ އެވެ.