ޙައްޖުގެ އޮޕަރޭޝަނަކީ ބުރަ ބޮޑު އުނދަގޫ، ގިނަ ދަތިތަކާ ކުރިމަތިލާން ޖެހޭ އޮޕަރޭޝަނަކަށްވި ނަމަވެސް މި އަހަރު ރާއްޖެ އިން ހައްޖަށް ދިޔަ މީހުންގެ ކަންކަމުގައި ރާއްޖޭގެ ޓީމުން ފުރިހަމަ މަސައްކަތްތެއްކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ޝެއިހް މުހައްމަދު އަނީލް ވިދާޅުވެއްޖެ އެވެ.
އައްޑޫ ހިތަދޫ ނޫރުލް އިސްލާމް ޖަމިއްޔާގެ ރައީސް އަދި މީގެ ކުރިން ރާއްޖޭގެ ހައްޖު އޮޕަރޭޝަން ޓީމްގައި އިސްކޮށް މަސައްކަތް ވެސް ކުރައްވާފައިވާ އަނީލް މިއަދު ފޭސްބުކް ޕޯސްޓެއްގައި ވަނީ މި އަހަރުގެ ކަންކަން ފުރިހަމަ ގޮތުގައި އިންތިޒާމުކޮށްފައިވާކަން ފާހަގަކޮށް އިސްލާމިކް މިނިސްޓްރީއަށާއި ދިވެހި ޙައްޖު މިޝަންގެ އިތުރުން ޙައްޖު ކޯޕަރޭޝަނަށް ޝުކުރާއި މަރުހަބާ ވެސް ދަންނަވާ ކަމަށް ވިދާޅުވެފަ އެވެ.
"ފާއިތުވި ދެ އަހަރުގެ ޙައްޖުގެ އިންތިޒާމްތަކުގައި އިސްކޮށް ޙަރަކާތްތެރިވި މީހެއްގެ ހައިސިއްޔަތުން، ވުޒާރާގެ ޓީމުން މި އަހަރުގެ ޙައްޖުގެ ކަންކަމާ ގުޅިގެން ކުރެއްވި މަސައްކަތާ މެދު ފަޚުރުވެރިވަން،" އަނީލް ވިދާޅުވި އެވެ. "އަދި ކޯޕަރޭޝަންގެ އިޚްލާޞްތެރި މުވައްޒަފުންނާއި ވޮލަންޓިއަރުންގެ ޓީމަށް ޝުކުރު ދަންނަވަން."
އޭނަ ވިދާޅުވީ މި އަހަރު ރާއްޖެ އިން މީހުން ހައްޖަށް ގެންދިޔައީ ޙައްޖު ކޯޕަރޭޝަނަށްގެ ހަވާލުގައި އެކަނި ކަމަށްވުމުން ކުރީގެ އަހަރުތަކުގައި ދިމާވި އެތައް ކަމެއް ހައްލުވެގެން ދިޔަ ކަމަށެވެ. ނަމަވެސް މި ފަހަރު ވެސް އިތުރަށް ރަނގަޅުކުރަން ޖެހޭ ކަންކަން އެބަހުރި ކަމަށާއި އެކަންތައް ކަމާބެހޭ ފަރާތްތަކާ ހިއްސާކުރައްވާނެ ކަމަށް އަނީލް ވިދާޅުވި އެވެ.
"ޙައްޖުގެ އޮޕަރޭޝަނަކީ ބުރަބޮޑު އުނދަގޫ، ގިނަ ދަތިތަކާ ކުރިމަތިލާން ޖެހޭ އޮޕަރޭޝަނެއް،" އޭނަ ވިދާޅުވި އެވެ. "ދުރުގައި ތިބެ، ސޯޝަލްމީޑިއާގައި ފާޑުކިޔުމަކީ ނުހަނު ފަސޭހަ ކަމެއް. އެ އިރެއްގައި އޮންނަ ސަރުކާރަކާ ދިމާއަށް އިދިކީލަ ސިޔާސީ ނަޒަރަކުން ނޫނީ ބަލާލަން ނޭނގޭ މީހަކަށް މިހިރަ މިހަރަ ކަންކަން ވިސްނައިގަތުމާއި ބަލައިގަތުން ފަސޭހަ ނުވާނެ."
އަނީލް ވިދާޅުވީ މިފަދަ ކަންކަމުައި އިސްލާމިކް މިނިސްޓްރީގެ ޤަދަރާއި ޢިއްޒަތާއި ކަރާމާތް ދެމެހެއްޓުމަކީ އިސްލާމް ދީން ދެކެ ލޯބިވާ، ކޮންމެ ދިވެއްސެއްގެ ޒިންމާއެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
"ސިޔާސީ މީހުން ބަދަލުވާނެ. އެހެނަސް ވުޒާރާގެ ހައިބަތު ދަމަހައްޓަން އެންމެންވެސް މަސައްކަތް ކުރަންވާނެ. މި ފުރުޞަތުގައި ޢިއްޒަތްތެރި ވަޒީރު، ޑރ. ޝަހީމަށް ޝުކުރު ދަންނަވަން." އޭނަ ވިދާޅުވި އެވެ.
މިނިސްޓަރު ޝަހީމު ވިދާޅުވެފައި ވަނީ މި އަހަރުގެ ހައްޖު އޮޕަރޭޝަން ވަރަށް ކާމިޔާބު ކަމަށާއި ކުރިއަށް އޮތް ތަނުގައި ރަނގަޅު ކުރަން ޖެހޭ ކަންތައްތަކެއް ވެސް ފާހަގަ ކުރެވިފައިވާތީ އެ ކަންކަން މިނިސްޓްރީން ކުރާނެ ކަމަށެވެ.