Last Updated: January 15, 18:12
Wednesday, January 15, 2025
ރިޕޯޓް

ތަފްސީރު ޢިލްމުގެ މުޤައްދިމާ

ތަފްސީރުގެ ބަހަވީ މާނަ އަކީ: ފޮރުވިފައިވާ އެއްޗެއް ފާޅުކޮށް ކަޝްފުކުރުމެވެ.
ތަފްސީރުގެ އިޞްޠިލާޙީ މާނަ އަކީ: ކީރިތި ޤުރުއާނުގެ މާނަތައް ބަޔާންކުރުމެވެ.

ކީރިތި ޤުރުއާނަކީ ﷲ ތަޢާލާގެ ކަލާމުފުޅެވެ. ﷲ ތަޢާލާގެ ކަލާމްފުޅުގެ މުރާދު މީސްތަކުންނަށް ބަޔާންކޮށް ދިނުމަކީ ތަފްސީރުކުރުމެވެ. ތަފްސީރުކުރުމުގެ މަސައްކަތްކުރާ މީހުންނަކީ މުފައްސިރުންނެވެ. ކީރިތި ޤުރުއާން ތަފްސީރުކުރާ މުފައްސިރުން ސަމާލުކަން ދޭން ޖެހޭ ވަރަށް ގިނަ ކަންތައްތަކެއްވެ އެވެ.

އެހެނީ މުފައްސިރު އެތަރުޖަމާކޮށް ތިލަކޮށްދީ ބަޔާންކޮށް ދެނީ ކީރިތި ޤުރުއާނުގެ އާޔަތްތަކުގައިވާ ﷲ ތަޢާލާގެ މުރާދެވެ. އާޔަތްތަކުގައިވާ ﷲ ތަޢާލާގެ މުރާދު ބަޔާންކޮށްދޭ މީހަކު ﷲ ތަޢާލާގެ މައްޗަށް ޢިލްމެއްނެތި ބަސްބުނުމާ މެދު ބިރުވެތިވާން ޖެހޭނެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ:

﴿قُلْ إِنَّمَا حَرَّمَ رَبِّيَ الْفَوَاحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ وَالْإِثْمَ وَالْبَغْيَ بِغَيْرِ الْحَقِّ وَأَن تُشْرِكُوا بِاللَّهِ مَا لَمْ يُنَزِّلْ بِهِ سُلْطَانًا وَأَن تَقُولُوا عَلَى اللَّهِ مَا لَا تَعْلَمُونَ﴾ سورة الأعراف 33
މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަރާމު ކުރެއްވިކަން ކަށަވަރީ، ފާޙިޝް ކަންތައްތަކެވެ. އޭގެތެރެއިން ފާޅުވެގެންވާ ކަންތަކާއި ވަންހަނާ ވެގެންވާ ކަންތަކެވެ. އަދި ފާފަކުރުމާއި، ޙައްޤަކާއި ނުލައި (މީސްތަކުންނަށް) އަނިޔާވެރިވުމެވެ. އަދި އެ އެއްޗަކަށް އެއްވެސް ޙުއްޖަތެއް ދެއްވާފައި ނުވާ އެއްޗެއް، ތިޔަބައިމީހުން، اللَّه އަށް ޝަރީކު ކުރުމެވެ. އަދި ތިޔަބައިމީހުންނަށް އެނގިގެންނުވާ އެއްޗެއް، اللَّه އާމެދު ތިޔަބައިމީހުން ބުނުމެވެ."

އެހެންކަމުން ﷲ އަށް ނިސްބަތްކޮށް އެއިލާހުގެ ކަލާމްފުޅުގެ މުރާދާއި މެދު ވާހަކަ ދެއްކުމަކީ ޢިލްމު ހުރެގެންނޫނީ ކޮށްގެންވާނެ ކަމެއް ނޫނެވެ. ޢިލްމެއް ނެތި ތަފްސީރުކުރުމަކީ ޙަރާމް ކަމަކަށްވާތީ ކީރިތި ޤުރުއާން ތަފްސީރު ކުރުމަށް ދަންނަބޭކަލުންވަނީ އުޞޫލުތަކެއް ކަނޑައަޅުއްވާފައިވެއެވެ. އެއަށް ކިޔަނީ އުޞޫލުއް ތަފްސީރެވެ.

އުޞޫލުއް ތަފްސީރުގެ އިޞްތިލާޙީ މާނަ: އެއީ ކީރިތި ޤުރުއާން ތަފްސީރު ކުރުމަށް ބޭނުންވާނެ އެންމެހައި ޢިލްމަކާއި އަސާސްތަކާއި ޤަވާޢިދުތަކެވެ.

ﷲ ތަޢާލާ ކީރިތި ޤުރުއާން ބާއްވައިލެއްވީ އެފޮތާއިމެދު އަޅުތަކުން ވިސްނާ ފިކުރު ކުރުމަށްޓަކައެވެ. ﷲ ތަޢާލާ
ވަޙީކުރައްވާފައިވެއެވެ:

﴿كِتَابٌ أَنزَلْنَاهُ إِلَيْكَ مُبَارَكٌ لِّيَدَّبَّرُوا آيَاتِهِ وَلِيَتَذَكَّرَ أُولُو الْأَلْبَابِ﴾ سورة ص29
މާނައީ: "(މިއީ) ކަލޭގެފާނަށް ތިމަންރަސްކަލާނގެ ބާވައިލެއްވި ބަރަކާތްތެރި ފޮތެކެވެ. (އެއީ) އެއުރެން އެ ފޮތުގެ އާޔަތްތަކުގެ މާނަތަކާމެދު ވިސްނައި ފިކުރުކުރުމަށެވެ. އަދި ބުއްދީގެ އަހުލުވެރިން (އެއިން) ނަސޭޙަތް ލިބިގަތުމަށެވެ."

ކީިރިތި ޤުރުއާނުގެ އާޔަތްތަކާއިމެދު ވިސްނައި ފިކުރުކުރުމުން އީމާންތެރިކަން ހަރުދަނާވެ ވަރުގަދަ ވެގެންދާނެއެވެ. ﷲ ތަޢާލާގެ މަޢުރިފާ ވެގެންދާނެއެވެ. ދީނުގެ ޙުކުމްތައް އެނގިގެންދާނެއެވެ. މަޢުލޫމާތުގެ ޚަޒާނާ މުއްސަދި ވެގެންދާނެއެވެ. މިއީ ކީރިތި ޤުރުއާނުގެ ތަފްސީރުން ލިބިގެންދާނެ ފައިދާތަކެވެ.

ޢަބްދުﷲ ބުން ޢައްބާސްގެފާނު ތަފްސީރު ޢިލްމު ހަތަރު ބަޔަކަށް ބައްސަވާފައިވެ އެވެ:

* ކީރިތި ޤުރުއާނަކީ ޢަރަބި ބަހުން ބާއްވައިލެއްވުނު ފޮތަކަށްވާތީ ޢަރަބީންނަށް އެބައިމީހުންގެ ބަހުގެ އުސްލޫބު ތަކުންނާއި ހަމަތަކުން އެއްވެސް އޮޅުމެއް ނެތި ފަހުމުވާ ބައިތައް

މިބައިގެ ޢިލްމުތައް އުނގެނުމަކީ ކިފާޔަތުގެ ފަރުޟެކެވެ. ކީރިތި ޤުރުއާނުގެ ކޮންމެ ޢަރަބި ލަފްޒެއްގެ މާނަ އެނގި، އޭގެ ވަޒަންތަކާއި، އޭގައިވާ ބަލާޣާތުގެ އުސްލޫބުތައް އެނގުން ކޮންމެ މުސްލިމެއްގެ މައްޗަށް ލާޒިމްވެގެން ނުވެއެވެ. އެބައިތައް އެނގޭ ކޮންމެވެސް ބަޔަކު އުންމަތުގެ ތެރޭގައި ތިބުމުން ފުދޭނެއެވެ.

* ކޮންމެ މުސްލިމަކަަށް ވެސް ތަފްސީރުން އެނގެންޖެހޭ ބައިތައް

މި ބައިގެ ތެރޭގައި ހިމެނެނީ ދީނުގެ އެންމެ އަސާސީ ކަންކަމާއި ގުޅޭ އާޔަތްތަކުގެ މުރާދު ދަނެގަތުމެވެ. އިސްލާމްކަމުގެ ރުކުންތަކާއި އީމާންކަމުގެ ރުކުންތަކާއި ބެހޭ އާޔަތްތަކުގެ މުރާދު ދަނެގަތުމެވެ. ދީނުގައި ޙަރާމްވެގެންވާ ކަންތައްތަކާއި ބެހޭ އާޔަތްތަކުގެ މުރާދު ދެނެގަތުމެވެ.
މަކާރިމުލް އަޚްލާޤީ ސިފަތަކާއި، ބަދުއަޚްލާޤީ ސިފަތަކާއި ބެހޭ ގޮތުން ބާއްވައިލެއްވިފައިވާ އާޔަތްތަކުގެ މުރާދު ދެނެގަތުމެވެ. މިފަދައިން ކޮންމެ މުސްލިމަކަށް އެނގުން ޟަރޫރީ ޢިލްމުތަކާއި ގުޅޭ އާޔަތްތަކުގެ މާނަ ފަހުމުވުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށްވާ ވާޖިބެކެވެ.

* ދަންނަބޭކަލުންނަށް މެނުވީ ފަހުމުނުވާ ބައިތައް

މިފަދަ އާޔަތްތަކަކީ ޢަރަބި ބަސް އެނގޭ ޢާންމު ފަރުދުންނަށް ދޭހަވުމުގައި އޮޅުމެއް އަރާފާނެ ފަދަ އާޔަތްތަކެވެ. އާޔަތުގެ ބޭރުފުށުގެ މާނަ ނޫން އެހެން މުރާދެއްގައި ﷲ ތަޢާލާ ބާއްވައިލެއްވި އާޔަތްތަކެވެ. އަދި އާޔަތްތަކުން ފައިދާތަކާއި ޙުކުމްތައް އިސްޠިންބާތު ކުރުމަކީވެސް މިބައިގައި ހިމެނޭ ކަމެކެވެ. މިބައިތައް އުނގެނި ދަސްކުރުމަކީ ކިފާޔަތުގެ ފަރުޟެކެވެ. އުންމަތުގެ ހުރިހާ އަފްރާދުންގެ މައްޗަށް ލާޒިމުކަމެއް ނޫނެވެ. ނަމަވެސް އުންމަތުގެ ތެރޭގައި މިބައިތައް އުނގެނިގެން ތިބި ބަޔަކު އަބަދުވެސް ތިބެން ޖެހޭނެއެވެ.

* ﷲ ތަޢާލާ މެނުވީ އެހެން އެއްވެސް ފަރާތަކަށް އޭގެ މުރާދު އެނގިގެންނުވާ ބަައިތައް

މިބާވަތުގެ ތެރޭގައި ހިމެނެނީ ކީރިތި ޤުރުއާނުގެ އާޔަތްތަކުގައިވާ ޣައިބުގައި ހިނގާނެ ކަންތައްތަކުގެ ޙަޤީޤަތްތައް އެނގުމާއި، ކީރިތި ޤުރުއާނުގެ ބައެއް ސޫރަތްތަކުގެ ފެށުމުގައި ޙުރޫފުލް މުޤައްޠަޢާތުގެ އަކުރުތަކުގެ ޙަޤީޤަތް އެނގުންފަދަ ޢިލްމުތަކެވެ.
މިބާވަތުގެ އާޔަތްތައް އަމިއްލަ ރައުޔުން ތަފްސީރު ކުރުމަކީ ޙަރާމްކަމެކެވެ. އެއީ ޢިލްމެއް ނެތި ﷲ ތަޢާލާގެ މައްޗަށް ބޮޑުވެގެންވާ ދޮގެއް ހެދުންފަދަ ކަމެކެވެ. (ނުނިމޭ)

ނޯޓް: މިއީ ޝެއިހް އަހުމަދު ރިމާޒުގެ ލިޔުއްވުމެކެވެ.