Last Updated: November 28, 21:08
Thursday, November 28, 2024
މުނިފޫހިފިލުވުން

ރިތިކާ އެކީ އަދި ފިލްމެއް ހަދާނަން: ފަރުހާން

ރިތިކް ރޯޝަނާ އެކީ އަލުން ފިލްމެއް ހަދަން ބޭނުންވާ ކަމަށާއި އެކަމާ ގުޅޭ ގޮތުން ދެ މީހުން އަބަދު ވެސް ވާހަކަ ދައްކާ ކަމަށް ފަރުހާން އަޚްތަރު ބުނެފި އެވެ.

ޕިންކްވިލާގެ މާސްޓަކްލާހެއްގައި ވާހަކަ ދައްކަމުން އޭނަ ބުނީ ރިތިކަކީ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ދިމާވާ މީހެއް ކަމަށާއި ދެ މީހުން ދިމާވެއްޖެ ނަމަ އަބަދު ވެސް ފިލްމަކާ ބެހޭ ގޮތުން ވާހަކަ ދެކެވޭ ކަމަށެވެ. ފަރުހާން ވަނީ ރިތިކް ހިމަނައިގެން ފިލްމެއް ޑައިރެކްޓްކުރުމުގެ އިތުރަށް، އޭނައާ އެކީ ފިލްމެއް ވެސް ކުޅެފަ އެވެ.

ރިތިކް ހިމަނައިގެން ފަރުހާން ހެދި ފިލްމަކީ 2004 ގެ ހަނގުރާމަ ފިލްމު "ލަކްޝް" އެވެ. އެ ފިލްމު ރިލީޒްކުރިތާ 20 އަހަރުވެފައިވާތީ އެކަން ފާހަގަކުރަން ފިލްމު މިއަދު އިންޑިއާގެ ބައެއް ސިނަމާތަކުގައި ދައްކަން ވެސް ވަނީ ހަމަޖެހިފަ އެވެ. "ލަކްޝް" ގެ އިތުރުން ޝާހްރުކް ޚާނާ އެކީ ފަރުހާން ގެނެސްދިން 2011 ގެ "ޑޮން 2" ގެ ހާއްސަ ފެނިލުމެއްގައި ރިތިކް
ހިމެނެ އެވެ.

އެ ދެ މީހުން އެކީގައި ކުޅުނު ފިލްމަކީ ފަރުހާންގެ ދައްތަ ޑައިރެކްޓްކުރި 2013 ގެ "ޒިންދަގީ ނީ މިލޭގީ ދުބާރާ" އެވެ.

"ރިތިކާ އެކީ އަލުން ފިލްމެއް ހެދުމުގެ ޝައުގުވެރިކަން ވަރަށް ބޮޑު. އަހަރެން އުންމީދު ކުރަނީ އަހަރެމެން ދެ މީހުންނަށް ވެސް ވަރަށް ހިތްހަމަޖެހޭ ކަހަލަ ސްކްރިޕްޓަކާ ކުރިއަށް އޮތް އަހަރެއް ނުވަތަ ދެ އަހަރެއްގެ ތެރޭގައި ދިމާވާނެ ކަމަށް." ފަރުހާން ބުންޏެވެ. "ސަތޭކަ ޕަސެންޓް ގެރެންޓީ ކަމަކީ އަހަރެން އަދި ރިތިކާ އެކީ ފިލްމެއް ހަދާނެކަން."

ފަރުހާން މިހާރު ވެސް އޮތީ ދެ ފިލްމެއް އިއުލާންކޮށްފަ އެވެ. އެއީ އަންނަ އަހަރު ޝޫޓިން ފަށަން ހަމަޖެހިފައިވާ ރަންވީރު ސިންގްގެ "ޑޮން 3" އާއި "ވާނުވާގައި" އޮތް "ޖީ ލޭ ޒަރާ" އެވެ. ދެހާސް އެކާވީހުގައި އިއުލާން ކުރި "ޖީ ލޭ ޒަރާ" ގެ ތަރިންނަކީ އާލިއާ ބަޓާއި ކެޓްރީނާ ކައިފްގެ އިތުރުން ޕްރިޔަންކާ ޗޯޕްޅާ އެވެ.