Last Updated: November 25, 22:26
Monday, November 25, 2024
ޚަބަރު

އިންޑިއާ މާކެޓް ވަރަށް މުހިއްމު: ޝިއުރީ

ރާއްޖޭގެ ޓޫރިޒަމަށް އިންޑިއާ މާކެޓް ވަރަށް މުހިއްމު ކަމަށާއި އެ ގައުމުގެ ޓޫރިސްޓުން އިތުރު ކުރަން ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް އެމްއެމްޕީއާރްސީގެ އާ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީ ވިދާޅުވެއްޖެ އެވެ.

އިންޑިއާގައި ރާއްޖެ ޕްރޮމޯޓް ކުރަން ރޯޑްޝޯތަކެއް ބާއްވަން ތައްޔާރީތައް ވަމުން އަންނަ އިރު، ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި ކުރީގެ ޓީޓީ ތަރި ވިދާޅުވީ "އެކްސްޕްލޯ މޯލްޑިވްސް" ގެ ނަމުގައި މި މަހުގެ 26 ގައި ބެންގަލޫރްގެ ޝަންގްރިއްލާ ހޮޓެލްގައި ރޯޑްޝޯ ފަށަން ހަމަޖެހިފައިވާ ކަމަށެވެ.

މިއީ އެމްއެމްޕީއާރްސީ އާއި މަންޓާ އެއާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮމޯޝަނަލް އިވެންޓެކެވެ.

ޝިއުރީ ވިދާޅުވީ އިންޑީއާ މާކެޓަކީ ރާއްޖެ އަށް ވަރަށް މުހިންމު މާކެޓެއް ކަމަށާއި އިންޑިއާގައި ބާއްވާ "އެކްސްޕްލޯ މޯލްޑިވްސް" ތެރެއިން އިންޑިއާގެ ޓްރެވެލް މާކެޓާއި ރާއްޖެއާ އޮތް ގުޅުން ވަރުގަދަ ކުރެވޭނެ ކަމަށެވެ.

"އިންޑިއާ އަކީ ކުރިއަރަމުން އަންނަ އައުޓް-ބައުންޑް ޓްރެވެލް މާކެޓަކަށް ވާއިރު، އެއީ ރާއްޖޭގެ ފަތުރުވެރިކަމަށް މުހިންމު މާކެޓެއް،" އޭނަ ވިދާޅުވި އެވެ. "ރާއްޖޭގެ ފަތުރުވެރިކަމު ދައިރާގެ އިސް ފަރާތްތަކަށް މި ހަރަކާތުގެ ތެރެއިން ރާއްޖެ އިޝްތިހާރުކުރުމުގެ ފުރުސަތު ލިބި، ރާއްޖެ އަށް ލިބިފައިވާ ޤުދުރަތީ މުއްސަނދިކަން ދައްކުވައި އިންޑިއާ މާކެޓާ ގުޅުން ބަދަހި ކުރެވޭނ." ޝިއުރީ ވިދާޅުވިއެވެ.

ރޯޑްޝޯގައި 150 އަށް ވުރެ ގިނަ ޓްރެވެލް އޭޖެންޓުންނާއި، ޓުއަ އޮޕަރޭޓަރުންގެ އިތުރުން ޓޫރިޒަމްގެ މަންދޫބުންނާއި އަދި މީޑިއާތައް ބައިވެރިވާނެ ކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ.

މިއީ އެ ކުންފުނީގެ އެމްޑީގެ މަގާމަށް ޝިއުރީ އައްޔަންކުރި ފަހުން ރާއްޖެ އިން ބޭރުގައި އޭނަ ބައިވެރިވެވަޑައިގަންނަވާނެ ފުރަތަމަ ޕްރޮމޯޝަނަލް އިވެންޓެވެ.

އިންޑިއާ އަކީ މިހާރު ރާއްޖެ އަށް 6 ވަނަ އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ. ރާއްޖެ އަށް މިދިޔަ އަހަދު އެންމެ ގިނަ ޓޫރިސްޓުން އައީ އިންޑިއާއިންނެވެ.

މި އަހަރު ފެށުނު ފަހުން އިންޑިއާ އިން އަންނަ ޓޫރިސްޓުން މަދުވީ މި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އެ ގައުމަށް ކުޑައިމީސްކޮށް ސޯޝަލް މީޑިއާގައި ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ. އެކަމާ ގުޅިގެން އިންޑިއާ މީހުން ރާއްޖެ އަށް ޗުއްޓީ އަށް ނުދާން ގޮވާލައި އެންޓި-ކެމްޕޭންތަކެއް ވަރަށް ފުޅާކޮށް އިންޑިއާގައި ކުރިއަށް ގެންގޮސްފައިވެ އެވެ.