ނާޗަރަންގީއާ ނުލައި ވެސް ފޯރީގައި އީދު ފާހަގަ ކުރެވިދާނެކަން މި އަހަރުގެ ބޮޑު އީދަށް އައްޑޫ މަރަދޫގައި ހިންގި ހަރަކާތްތަކުން ދައްކުވައި ދީފައިވާ ކަމަށް ޝެއިހް އަނީލް ވިދާޅުވެއްޖެ އެވެ.
ނެށުމާއި މިއުޒިކް ޝޯތަކާ އެކީ އައްޑޫގެ ބައެއް އަވަށްތަކުގައ އީދުގެ ހަރަކާތްތައް ކުރިއަށް ގެންދާތީ ކުރިން ކަންބޮޑުވުން ފާޅުކުރެއްވި ހިތަދޫ ނޫރުލް އިސްލާމް ޖަމިއްޔާގެ ރައީސް މިއަދު އިސްލާމިކް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަނީލް މިއަދު ފޭސްބުކް ޕޯސްޓެއްގައި ވަނީ މަރަދޫގައި "އައްޑޫ އީދި ސަމާ 1445" ގެ ހަރަކާތްތައް ހިންގި ޓީމަށް މަރުހަބާ އާއި ޝުކުރު ވެސް ދަންނަވާ ކަމަށެވެ.
"ނާޗަރަންގީއާ ނުލައި ވެސް އީދު ވަރަށް ފޯރީގައި ފާހަގަ ކުރެވިދާނެކަން ދައްކައި ދިނީ މަރަދޫ." އޭނަ ވިދާޅުވި އެވެ.
އަނީލް ވިދާޅުވީ މަރަދު އަކީ ކޮމިއުނީޓީގެ އެއްބައިވަންތަކަމުގައި މުޅި އައްޑު އަށް ނަމޫނާއެެއް ކަމަށެވެ.
"މަރަދު އަކީ ކޮމިއުނިޓީއާ ގުޅޭ ހިސާބުން ސިޔާސީ ފިކުރު އެއްފަރާތް ކުރުމަށް ފަހު އެއްކޮށް ގުޅިގެން މަސައްކަތް ކުރުމުގެ ނަމޫނާއެއް." އޭނަ ވިދާޅުވި އެވެ
އަނީލް ވިދާޅުވީ މަރަދޫގެ އީދު ހަރަކާތްތަކުގައި ރަނގަޅުކޮށްލަން ޖެހޭ ބައެއް ކަންކަން ވެސް ފާހަގަކުރެވުނު ކަމަށެވެ އެހެންވެ ކަންކަން ހިއްސާކުރަން ޖެހޭ ފަރާތްތަކާ ހިއްސާކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
"އައްޑޫ އީދި ސަމާ 1445" ގެ ނަމުގައި ކައުންސިލުން އިންތިޒާމުކޮށްގެން އައްޑޫގެ ހުރިހާ އަވަށްތަކެއްގައި ވަރަށް ގިނަ ހަރަކާތްތައް މިހާތަނަށް ހިންގާފައިވެ އެވެ.
އޭގެ ތެރެއިން އީދުގެ ހަރަކާތްތައް ނިންމިއުލުމުގެ ގޮތުން ބާއްވާ މިއުޒިކް ޝޯއެއް މިރޭ ހިތަދޫގައި އޮންނާނެ އެވެ. މި މަހުގެ 17 ވަނަ ދުވަހުގެ ރޭ ފޭދޫގައި ވެސް މިއުޒިކް ޝޯއެެއް ބާއްވާފައިވެ އެވެ.
މިއުޒިކް ޝޯ ފަދަ ކަންކަން ހިމަނައިގެން އީދު ފާހަގަކުރާތީ އައްޑޫގެ ބައެއް ޝެއިހުން އެކަން ކުށްވެރިކޮށް، އީދުގެ ހުރުމަތް ކަނޑާ ނުލުމަށް ގޮވާލައްވާފައިވެ އެވެ. އަދި އެފަދަ ހަރަކާތްތައް ބާއްވާތީ ފޭދޫ ޖަމިއްޔާއެއް ކަމަށްވާ މިޝްކާތު ފައުންޑޭޝަނުން އެކަން ކުށްވެރިކޮށް ބަޔާނެއް ވެސް ނެރެފައިވެ އެވެ.