މި މަހުގެ 14 ގައި ނެޓްފްލިކްސް އިން ޕްރީމިއާކުރާ ގޮތަށް ހަމަޖެހިފައި ވަނިކޮށް ހިންދޫންނަށް ކުޑައިމީސްވާ ގޮތަށް ފިލްމުގައި މަންޒަރުތަކެއް ހިމެނޭ ކަމަށް ބުނެ ރިލީޒްކުރުން ހުއްޓުވި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "މަހާރާޖް" ބެލުންތެރިންނަށް ގެނެސް ދިނުމުގެ ހުއްދަ ގުޖްރާޖު ކޯޓުން ދިނުމާ ގުޅިގެން ފިލްމު ނެޓްފްލިކްސް އަށް ދޫކޮށްލައިފި އެވެ.
ކޯޓުން ހުއްދަ އިއްޔެ ދިނީ ފިލްމާ ގުޅޭ ގޮތުން ހިންދޫގެ ޖަމާއަތެއް ކަމަށްވާ ވިޝްނޫ ހިންދޫ ޕަރީޝާދު (ވީއެޗްޕީ) އިން ހުށަހެޅި މައްސަލައާ ގުޅިގެން، ފިލްމު ޕްރިމިއާ ކުރުން ހުއްޓުވުމަށް ފަހު، ފިލްމުގެ ސްޕެޝަލް ސްކްރީނިންއެއްގައި ބެލުމަށް ފަހު އެވެ.
ކޯޓުން ފިލްމަށް ހުއްދަ ދީ ނެރުނު އަމުރުގައި "މަހާރާޖް" ޕްރީމިއާކުރުން ހުއްޓުވަން ޖެހޭ ވަރުގެ އެއްވެސް ވަރުގެ ކަމެއް ނުހިމެނޭ ކަމަށް ބުންޏެވެ. އެގޮތުން ވީއެޗްޕުން ކަންބޮޑުވުން ފާޅުކުރި ޒާތުުގެ އެއްވެސް ކަމެއް ނުހިމެނޭކަން ސާފުވެއްޖެ ކަމަށާއި ފިލްމު ބެލުންތެރިންނަށް ގެނެސްދިނުމުގައި އެއްވެސް އިއުތިޒާރެއް ނެތްކަން އަންގާފައިވެ އެވެ.
މިކަމާ ގުޅިގެން ޝުކުރު އަދާކޮށް އެ ސްޓޫޑިއޯ އިން ނެރުނު ބަޔާނެއްގައި ބުނީ ވައިއާރްއެފަކީ އަބަދު ވެސް ވަރަށް ޒިންމާދު މަސައްކަތެއް ކުރާ ތަނެއް ކަމަށާއި އެތަނުގެ 50 އަހަރުގެ ތާރީހުގައި ވެސް މަސައްކަތްކޮށްފައި ވަނި އެގޮތަށް ކަމަށެވެ.
އެހެންވެ ވައިއާރްއެފަކީ ދުވަހަކު ބެސް އިންޑިއާ އާއި އެ ގައުމުގެ ރައްޔިތުންގެ އަބުރަށާއި ގަދަރަށާއި ހުރުމަތް ކެނޑޭ ފަދަ ފިލްމެއް އުފައްދާނެ ސްޓޫޑިއޯއެއް ނޫން ކަމަށް ބުންޏެވެ.
ބޮލީވުޑްގެ އެންމެ ބޮޑު ޕްރޮޑަކްޝަން ހައުސް، ވައިއާރްއެފަކީ ކުރީގެ މަޝްހޫރު ޑައިރެކްޓަރު ޔާޝް ޗޯޕްޅާގެ ސްޓޫޑިއޯއެކެވެ. އޭނަ މަރުވި ފަހުން އެތަން ހިންގުމުގެ ޒިންމާ ނަގަމުން އަންނަނީ ދޮށީ ދަރިފުޅު އަދިތިޔާ ޗޯޕްޅާ އެވެ. ދިލްވާލޭ ދުލްހަނިޔާ ލޭޖޭއޭގޭ (ޑީޑީއެލްޖޭ) އާއި "މުހައްމަބަތޭ" ފަދަ ފިލްމުތައް ގެނެސްދިން އަދިތިޔާ އަކީ މަޝްހޫރު ބަތަލާ ރާނީ މުކަރްޖީގެ ފިރިމީހާ އެވެ.
މަޝްހޫރު ތަރި، އާމިރު ޚާންގެ ދޮށީ ފިރިހެން ދަރިފުޅު ޖުނައިދު ޚާން ތައާރަފުކުރާ "މަހާރާޖް" އަކީ 1862 ގައި އިންޑިއާގައި ފެންމަތިވި ޖިންސީ ބޮޑު މައްސަލަގަނޑެއްގެ ވާހަކަ ގެނެސްދިން ނޫސްވެރިންތަކަކާ ދެކޮޅަށް ކުރި ދައުވާތަކެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. ފިލްމުގައި ޖުނައިު ކުޅެފައި ވަނީ ނޫސްވެރިޔާ ކަރްސަން ދާސް މުލްޖީގެ ރޯލެވެ.
ކާސްޓްގައި ޖައިދީޕް އަހުލުވާތާއި ޝަރުވާރީ ވާގްގެ އިތުރުން ޝާލިނީ ޕާންޑޭ ހިމެނޭ "މަހާރާޖް" ގެ ޑައިރެކްޓފްކުރީ 2018 ގެ "ހިޗްކީ" ގެނެސްދިން ސިދާތު ޕީ މަލްއުތުރާ އެވެ.