މިހާރު ރާއްޖެ އަށް ދަތުރުތައް ކުރާ ބޭރުގެ އެއާލައިންތަކުގެ އަދަދު 40 އަށް އަރައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހުގެ 13 ހަމައަށް 40 އެއާލައިނަކުން ރާއްޖެ ދަތުރުތައް ބާއްވަމުން އަންނަ އިރު، އެންމެ ގިނަ އެއާލައިންތައް އޮޕަރޭޓް ކުރަނީ ޔޫރަޕާއި މެދުއިރުމަތިންނެވެ. މެދުއިރުމަތީގެ ނުވަ އެއާލައިނަކުން ދަތުރުތައް ބާއްވަމުން އަންނަ އިރު، ޔޫރަޕްގެ ހަތް އެއާލައިނަކުން ދަތުރުތައް ބާއްވަ އެވެ
މީގެ އިތުރުން އޭޝިއާ ބައްރަށް ބަލާ އިރު، އިންޑިއާ އާއި ޗައިނާ މިއިން ކޮންމެ ގައުމަކުން ތިން އެއާލައިން ރާއްޖެ އަށް ދަތުރުތައް ބާއްވަ އެވެ.
ޗައިނާ އަކީ މިހާރު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ. އަދި އިންޑިއާ ހިމެނެނީ އެންމެ ގިނަ ޓޫރިސްޓުން 10 ގައުމުގެ ލިސްޓްގެ 6 ވަނައިގަ އެވެ.
މިދިޔަ އަހަރު ނިމުނު އިރު ރާއްޖެ އަށް ދަތުރުކުރި އެއާލައިންތަކުގެ އަދަދަކީ 36 އެވެ.
ރާއްޖޭގެ އިގުތިސާދު ޓޫރިޒަމަށް ބިނާވެފައިވާތީ ވައިގެ ދަތުރުތަކަކީ ރާއްޖެ އަށް ވަރަށް މުހިއްމު ކަމެކެވެ. އެހެންވެ ރާއްޖެ އަށް ދަތުރުކުރާ އެއާލައިންތައް އިތުރު ކުރުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.
ރާއްޖޭގެ މި އަހަރުގެ ޓާގެޓަކީ 2.3 ޓޫރިސްޓުން ގެނައުމެވެ. އަދި މި މަހުގެ ތެރޭގައި އެއް މިލިއަން ވަނަ ޓޫރިސްޓަށް މަރުހަބާ ކިޔާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެފައިވެ އެވެ.