އަންނަ މަހު ފްރާންސްގައި ފަށާ މި އަހަރުގެއޮލިމްޕިކްސްގެ ފެތުމުގެ އިވެންޓުގައި ރާއްޖެ ތަމްސީލުކުރާނީ މުޙައްމަދު އާން ޙުސައިން އާއި އަދި ޢާއިޝަތު ޢުލްޔާ ޝާއިގް ކަމަށް ސްވިމިން އެސޯސިއޭޝަނުން ބުނެފި އެވެ.
އޮލިމްޕިކް ގޭމްސްގައި ފެތުމުގެ ކުޅިވަރުން ރާއްޖެއަށް ލިބިފައިވާ މި ދެ ފުރުޞަތަކީ ޔުނިވަސިލިޓީ ޕްލޭސަސްގެ ދެ ފުރުސަތެވެ.
އޮލިމްޕިކް ގޭމްސް އަށް ދާނެ ދިވެހި ދެ ފެތުންތެރިން ކަނޑައެޅީ ވޯލްޑް އެކުއަޓިކްސް އިން ކަނޑައަޅާފައިވާ ފެތުމުގެ ވަކި މުބާރާތްތަކެއްގައި ވާދަކުރި ދިވެހި ފެތުންތެރިންގެ ތެރެއިން، އެންމެ މަތިން ވޯލްޑް އެކުއަޓިކްސް ސްވިމިން ޕޮއިންޓް ލިބިގެން ކަމަށް އެސޯސިއޭޝަނުން ބުންޏެވެ.
އަންނަ މަހުގެ 26 އިން އޮގަސްޓް 11 އަށް ފްރާންސްގައި ބާއްވާ އޮލިމްޕިކްސްގައި ރާއްޖެ ހަތަރު ކުޅިވަރަކުން ވާދަ ކުރާނެ އެވެ. އެއީ ބެޑްމިންޓަނާއި ޓޭބަލް ޓެނިހާއި އެތުލެޓިކްސްގެ އިތުރުން ސްވިމިން އެވެ.
މި ފަހަރުގެ އޮލިމްޕިކްސް އަކީ ރާއްޖެ އިން މުޅިން އަލަށް ކޮލިފައިވި އެތުލީޓަކު ވާދަކުރާ ފަހަރެވެ. އެއީ ޓީޓީން ކޮލިފައިވީ ދީމާ އަލި އެވެ.
މީގެ ކުރިން އޮލިމްޕިކްސްގައި ރާއްޖޭގެ އެތުލީޓުން ވާދަކުރަމުން އައީ އިންވިޓޭޝަނަލް ފުރުސަތުގެ ތެރެއިންނެވެ.
އޮލިމްޕިކްސްއަށް ކޮލިފައިވެގެން މި ފަހަރު ރާއްޖެއިން ވާދަކުރާ އެތުލީޓަކީ 16 އަހަރުގެ ޓީޓީ ތަރި، ފާތިމަތު ދީމާ އަލީ އެވެ. ދީމާ ކޮލިފައިވީ ކޮލިފައިން ބުރެއް ފަހަނައަޅައި ގޮސްގެންނެވެ.
އެތުލެޓިކްސްގައި ރާއްޖެ އިން ވާދަކުރަނީ ޖެމެއިކާގައި ޓްރެއިނިން ފުރިހަމަ ކުރަމުން އަންނަ އިބާދުﷲ އާދަމެވެ. ބެޑްމިންޓަނުން ވާދަކުރަނީ ފާތިމަތު ނަބާހާ އެވެ.