ފައިސާ ލިބުން ލަސްވެގެން އައްޑޫ މަސްވެރިން އިއްޔެ އިން ފެށިގެން ކުރަމުންދާ މުޒާހަރާ ސުލްހަވެރިކަމާ އެކީ ކުރިއަށް ގެންދަން އެދޭ ކަމަށާއި ނަމަވެސް މި ވަގުތު މަސްވެރިންގެ މުޒާހަރާގެ ސަބަބުން ހުޅުމީދޫ ފިޝަރީޒް ކޮމްޕްޕްލެސްގެ އޮޕަރޭޝަނަށް ހުރަސް އެޅިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުން އެދިއްޖެ އެވެ.
ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެ މުޒާހަރާ ސިލްހަވެރިކަމާ އެކާ ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދަން ފުލުހުން ފުރުސަތު ދެމުން އަންނަ ކަމަށެވެ.
މުޒާހަރާގެ ސަބަބުން ފިޝަރީޒް ކޮމްޕްލެކްސްގެ އޮޕަރޭޝަނަށް ހުރަސް އެޅިފައިވާތީ އެތަނުގެ އޮޕަރޭޝަން އަލުން ފެށޭނެ މާހައުލެއް ގާއިމުކޮށް، ރައްކާތެރިކަން ކަށަވަރު ކުރުމަށް މަސްވެރިންގެ ފަރާތުން އެއްބާރުލުން ބޭނުންވާ ކަމަށެވެ.
"ފުލުހުން އަމަން ގާއިމުކޮށް ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅާ ފިޔަވަޅުތަކަށް މަސްވެރިންގެ ފަރާތުން އެއްބާރުލުންދީ ގާނޫނާ ގަވައިދު ހިލާފު އެއްވެސް ކަމެއް ނުކުރުމަށް މަސްވެރިންގެ ކިބައިން އެދެން." ފުލުހުން ބުންޏެވެ.
މުޒާހަރާ ކޔރާ މަސްވެރިން އަންނަނީ އެ މީހުންނަށް ދޭންޖެހޭ ފައިސާ ވަގުތުން ވަގުތަށް ދިނުމަށާއި ކުރިއަށް އޮތް ތަނުގައި ކިރުވާ މަހަށް ކޮންމެ 15 ދުވަހަކުން ފައިސާ ދިނުމަށް ސަރުކާރުން އެއްބަސްވުމަށް ގޮވައިލަމުންނެވެ. އަދި އެ މީހުންގެ ޑިމާންޑާ އެއްގޮތަށް ސަރުކާރުން އަމަލު ނުކުރާ ނަމަ ފިޝަރީޒް ކޮމްޕްލެކްސްގެ އޮޕަރޭޝަން ހުއްޓުމަކަށް ގެންނާނެކަމުގެ އިންޒާރު ވެސް ދީފައިވެ އެވެ.
މިކަމާ ގުޅިގެން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމު މިއަދު ވިދާޅުވީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ސަރަހައްދުގައި ކުރިޔަށްދާ އިހުތިޖާޖު ފެށުމުގެ ކުރިން ވެސް އަދި މިހާރު ވެސް ސަރުކާރުން އަންނަނީ ވަރަށް ގާތުން ބަލަމުން މަސްވެރިންގެ އަޑުއަހަމުން ކަމަށެވެ.
"އަދި އެކަމުގައި މިފްކޯ އަދި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތަފްސީލު ވެސް މި ދަނީ ހިއްސާ ކުރަމުން." ޝިޔާމު ވިދާޅުވި އެވެ.