ހުޅުމާލޭގެ ވިނަރެސް ފްލެޓްތަކާ ގުޅޭ ގޮތުން އަނެއްކާ ވެސް ސްކޭމެއް ހިންގަމުންދާތީ އެކަމަށް ސަމާލުވާން އިލްތިމާސްކޮށްފި އެވެ.
ފުލުހުން ބުނީ ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ވެސް ވިނަރެސް ފްލެޓްތަކަށް އެޕްލައި ކުރުމުގެ ފުރުސަތު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީ) އިން ހުޅުވާލާފައިވާ ކަމަށް ބުނެ އެކަމާ ގުޅޭ އިތުރު މައުލޫމާތު ސައިޓުން ލިބޭނެ ކަމަށް ބުނެ ސައްހަ ނޫން ލިންކެއް ފޮނުވަމުންދާ ކަމަށެވެ.
އަދި އެ ލިންކް މެދުވެރިކޮށް ފޭސްބުކާއި އިންސްޓަގްރާމް އެކައުންޓް ހެކްކޮށް ފްރެންޑް ލިސްޓްގައި ހިމެނޭ ފަރާތްތަކުގެ އަތުން ފައިސާ ހޯދަމުންދާކަން ފާހަގަ ކުރެވޭ ކަމަށް ފުލުހުން ބުންޏެވެ. އެހެންވެ މިފަދަ ލިންކްތަކަށް ސަމާލުވާން ފުލުހުން އެދެ އެވެ.
ރާއްޖޭގައި ފަހަކަށް އައިސް ސްކޭމްގެ މިފަދަ ތަފާތު މައްސަލަތައް ވަރަށް ގިނަ އެވެ.
އެހެންވެ ސްކޭމްތަކާ ދެކޮޅަށް މަސައްކަތް ކުރަން އެންޓި-ސްކޭމް ސެންޓަރެއް ހަދަން ނިންމާފައިވާ ކަމަށް ފުލުހުން ދާދި ފަހުން ބުނެފައިވެ އެވެ.