އައްޑޫ މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުލިބި ލަސްވާ މައްސަލައިގައި މަސްވެރިން ބޭނުން ވަނީ ސީދާ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާ ބައްދަލު ކުރަން ކަމަށް މަސްވެރިން މިއަދު ބުނެފި އެވެ.
ހުކުރު ދުވަހުން ފެށިގެން ހުޅުދޫގައި ހުންނަ މިކްފޯގެ ފިޝަރީޒް ކޮމްޕްލެކްސްގައި މަސްވެރިން ކުރަމުން އަންނަ މުޒާހަރާއާ ގުޅިގެން މިކަމުގައި އިސްކޮށް ހަރަކާތްތެރިވާ މަސްވެރިޔަކު މިއަދު ބުނީ އެ މީހުންގެ ކަންބޮޑުވުންތައް ބޭނުން ވަނީ މިނިސްޓަރު ނުވަތަ ރައީސް ޑރ. މުހައްމަދު މުއިއްޒާ ސީދާ ބައްދަލުކޮށް ހިއްސާކުރުން ކަމަށެވެ.
އެހެންވެ ފިޝަރީީޒް މިނިސްޓަރު ނުވަތަ ރައީސް އައްޑު އަށް ވަޑައިގެން މަސްވެރިންނާ ބައްދަލު ކުރައްވައި ފައިސާ ނުދެވި ލަސްވާ ސަބަބް ސާފުކޮށް ދެއްވަން ޑިމާންޑްކުރާ ކަމަށް މަސްވެރިން ބުންޏެވެ. އެހެން ނޫން ނަމަ މުޒާހަރާ ހުއްޓައިލުމެއް ނެތް ކަމަށް މަސްވެރިން ބުންޏެވެ.
މަސްވެވެރިން ބުނީ އެ މީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ފާއިތުވި ދެ މަހާއި 17 ދުވަހުގެ ތެރޭގައި ކިރުވި މަހަށް ލިބެން ޖެހޭ ފައިސާ ލިބުން ލަސްވުން ކަމަށެވެ. މަސްވެރިން ބުނީ އެ ފައިސާ ނުލިބި ލަސްވާތީ މަސްވެރިންގެ ހާލަތު މިހާރު ވަރަށް ދަށް ކަމަށެވެ.
"އެހެންވެ އަޅުގަނޑުމެންނާ މިނިސްޓަރު ނުވަތަ ރައީސް ސީދާކޮށް ބައްދަލު ނުކުރާ ކަމަށް ވަންޏާ މި މުޒާހަރާ ހުއްޓާލާ ގޮތަކަށް ނޫން މި ތިބީ." މަސްވެރިޔަކު ބުންޏެވެ.
އޭނަ ބުނީ މުޒާހަރާއާ ގުޅިގެން މިނިސްޓަރު އިިއްޔެ ގުޅުއްވައި މަސްވެރިންނާ ފޯނުން ވާހަކަ ދައްކަވަން އެދިވަޑައިގަތް ކަމަށެވެ. ނަ،މަވެސްފޯނުން ވާހަކަ ދައްކައިގެން މިކަމުގައި ހައްލެއް ހޯދަން މަސްވެރިން ބޭނުން ނުވާ ކަމަށް ބުންޏެވެ.
"އަޅުގަނޑުމެން މުޒާހަރާ ކުރަން ފެށީމަ ކޮމްޕްލެކްސްގެ މެނޭޖްމަންޓާއި ފުލުހުން ވެސް އެދުނު މިނސްޓަރާ ފޯނުން ވާހަކަ ދައްކައިގެން ހައްލަކަށް ހައްލެއް ހޯދަން މަސައްކަތް ކުރަން،،" އޭނަ ބުންޏެވެ. "އެކަމަކު މަސްވެރިން އެގޮތެއް ގަބޫލެއް ނޫން. މަސްވެރިން ބޭނުން ވަނީ ފޭސް ޓު ފޭސްކޮށް މިނިސްޓަރާ ބައްދަލުކޮށްފައި ކަންބޮޑުވުންތައް ހިއްސާކުރަން."
އައްޑޫގައި އެންމެ ބޮޑަށް މަސްވެރިކަން ކުރާ އަދި މަސްވެރިކަމުގެ ދޯނިފަހަރު ވެސް އެންމެ ގިނަ މަރަދޫގެ މަސްވެރިޔަކު ހަމައެކަނި އެ އަވަށު މަސްވެރިންނަށް ލިބެން ޖެހޭ ފައިސާގެ އަދަދު 8.3 މިލިއަނަށް އަރާ ކަމަށެވެ.
"މި ފައިސާ ނުލިބި މަސްވެރިން ތިބީ ވަރަށް ދަތި ހާލުގައި." އޭނަ ބުންޏެވެ.
މަސްވެރިން ފިޝަރީޒް ކޮމްޕްލެެސްގައި މުޒާހަރާ ކުރަމުން އަންނަ އިރު، އެތަނުގެ އޮޕަރޭޝަން އިއްޔެ ވަނީ ހުއްޓުވައިފަ އެވެ. ނަމަވެސް މަސްވެރިން ބުނީ މިއީ ސުލްހަވެރި މުޒާހަރާއެއް ކަމަށާއި މުޒާހަރާގެ ސަބަބުން އެއްވެސް ހަމަޖެހުމެއް ނުހިނގާ ކަމަށެވެ، އެކަމަކު ރޭ ކޮމްޕްލެކްސް ސަރަހައްދުން ކަރަންޓް ކެނޑުމާ ގުޅިގެން މަސްވެރިންނާއި އެސްއޯ ފުލުހުންނާ ދެމެދު ކޮންމެވެސް ވަރެއްގެ ކުރިމަތިލުމެއް ހިނގި އެވެ.
ނަމަވެސް ބޮޑު ހަމަނުޖެހުމެއް ނުހިނގަ އެވެ.
ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނީ ފިޝަރީޒް ކޮމްޕްލެކްސްގެ މަސައްކަތަށް ހުރަސް އަޅާފައިވާތީ މަސްވެރިންނާ ވާހަކަ ދައްކައިގެން ސުލްހަވެރިކަމާ އެކީ އެ ތަނުގެ އޮޕަރޭޝަން އާންމު ހާލަތަކަށް ގެންނަން މަސައްކަތް ކުރާ ކަމަށެވެ. އެ ބަޔާނުގައި ފުލުހުން ވަނީ މަސްވެރިންގެ ފަރާތުން އެއްބާރުލުން ބޭނުންވާ ކަމަށް ވެސް ބުނެފަ އެވެ.
އައްޑޫ މަސްވެރިން ކުރަމުން އަންނަނީ މައިގަނޑު ދެ ޑިމާންޑެކެވެ. އެއީ ފާއިތުވި ދެ މަހު ލިބެން ޖެހޭ ފައިސާ ވީހާ ވެސް އަވަހަަށް ދިނުމާއި ކުރިއަށް އޮތް ތަނުގައި މަސްވެރިން ކިރުވާ މަހަށް ގިނަވެގެން 15 ދުވަހުގެ ތެރޭގައި ފައިސާ ލިބޭނެ އިންތިޒާމެއް ހަމަޖައްސައި ދިނުމެވެ.
އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ސަރަހައްދުގައި ކުރިޔަށްދާ އިހުތިޖާޖު ފެށުމުގެ ކުރިންވެސް އަދި މިހާރުވެސް ސަރުކާރުން ދަނީ ވަރަށް ގާތުން ބަލަމުން އަޑުއަހަމުން އަދި އެކަމުގައި މިފްކޯ އަދި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތަފްސީލުވެސް މިދަނީ ހިއްސާ ކުރަމުން.
— Ahmed Shiyam (@Shiyamaldives) June 22, 2024
"ރައީސް މުއިއްޒު ވެސް ވިދާޅިވެފައި އެބަ އޮތް މަސްކިރުވާތާ ސާޅީސް އަށް ގަޑިއިރުތެރޭ ފައިސާ ލިބޭނެ ގޮތް ހަމަޖައްސަވައި ދެއްވާނެ ކަމަށް،" މަސްވެރިޔަކު ބުންޏެވެ. "އެކަމަކު އެ ވަރު ނުކުރެވެންޏާ ގިނަވެގެން ފަނަރަ ދުވަހުގެ ތެރޭގައި ފައިސާ ލިބޭނެ ގޮތެއް ސަރުކާރުން އެބަޖެހޭ މަސްވެރިންނަށް ހަމަޖައްސައި ދޭން."
މަސްވެރިންގެ މުޒާހަރާތީ މިނިސްޓަރު ޝިޔާމު އިއްޔެ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ މުޒާހަރާ ކަންކަން ވަރަށް ގާތުން ސަރުކާރުން ބަލައި، މަސްވެރިންގެ އަޑުއަހަމުން އަންނަ ކަމަށެވެ.
"އަދި އެކަމުގައި މިފްކޯ އަދި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތަފްސީލު ވެސް މި ދަނީ ހިއްސާ ކުރަމުން." ޝިޔާމު ވިދާޅުވި އެވެ.