މުޅި ރާއްޖެ އަށް ޓޫރިޒަމް ފުޅާކޮށް ކުރިއަރުވަން ހާއްސަ ޕްލޭންތަކެއް ރާވައި ތަންފީޒު ކުރަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިޞަލް ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްގައި މިނިސްޓަރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ މި ދައުރު ނިމޭ އިރު ކޮންމެ އަތޮޅެއްގައި ވެސް ޓޫރިޒަމްގެ އެނދު ވަކި އަދަދަކަށް ތަރައްގީ ރުމުކީ ސަރުކާރުގެ ވައުދެއް ކަމަށެވެ. އެހެންވެ އެ ވައުދު ހާސިލު ކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތަކަށް ވަރަށް ބޮޑު އިސްކަމެއް ދީފައިވާ ކަމަށް ވިދާޅުވި އެވެ.
އެގޮތުންް އެންމެ މުހިންމު އެއް ކަމަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިންވެސްޓުކުރަން ޝައުގުވެރިބާ ފަރާތްތަކަށް ލުއިތަކެއް ދިނުން ކަމަށެވެ. އެގޮތުން މިހާރު މިކަމާ ގުޅޭ މަޝްވަރާތައް ކުރިއަށްދާ ކަމަށް ފައިސަލް ވިދާޅުވި އެވެ.
"އިކޮނޮމިކް ކައުންސިލަށް ވެސް ހުށަހަޅާނަން، އަދި ރައީސާ ވެސް މަޝްވަރާކޮށް، އިކިއުޒިޝަން ކޯސްޓަށް ވެސް ލުއި ގޮތްތަކެއް އަދި ޓެކްސް ލުއިތަކެއް ދިނުން، އެއީ ޤާނޫނަށް އިސްލާޙު ގެނެސްގެން، މިކަމާއި އަދި ސިނާއަތުގެ ފަރާތްތަކާ ވެސް ވާހަކަ ދައްކާނަން." ފައިޞަލް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އަތޮޅެއްގައި ޓޫރިޒަމް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށް 4،000-6،000 ދެމެދުގެ އަދަދަކަށް އެނދު ބޭނުންވާ ކަމަށެވެ. އަދި އެނދުތައް އިތުރު ކުރުމަށްޓަކައި ލޯކަލް ޓޫރިޒަމަށް އިސްކަން ދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މީގެ އިތުރުން ގައުމީ އެއާލައިނަށް ވެސް، ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށް ވަރަށް މުހިއްމު ރޯލެއް އަދާކުރެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެެވެ.
"މޯލްޑިވިއަން އިން ބޭރު ޤައުމުތަކުން ރާއްޖެ އަށް ފަތުރުވެރިން ގެނެސް، ފައިދާވާ ކުންފުންޏަކަށް މޯލްޑިވިއަން ހެދޭނެ." ފައިސަލް ވިދާޅުވި އެވެ.
ރާއްޖޭގެ އިގުތިސާދު ބިނާވެފައި އޮތީ ޓޫރިޒަމަށެވެ. އެގޮތުން މިހާރު ވެސް ރާއްޖޭގައި ގިނަ އަދަދެއްގެ ރިސޯޓްތަކާއި ގެސްޓްހައުސްތަކާއި ސިޓީހޮޓާ ފަދަ ތަންތަން އަންނަނީ ހިންގަމުންނެވެ.
ރާއްޖޭގެ ޓޫރިޒް ދާއިރާ އަށް މިއީ 52 ވަނަ އަހަރެވެ.