މަސްވެރިންނަށް އޮތް އޮތް އެންމެ ބޮޑު މާޔޫސީ އަކީ މިފްކޯ ކޮރަޕްޝަންގެ ހާއްޔަޔަކަށްވެފައި އޮތުމުން ކަމަށާއި މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދެވިގެން އުޅެނީ ވެސް އެ ސަބަބާ ހެދި ކަމަށް އައްޑޫ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
އައްޑޫގެ މަސްވެރިންނަށް ފާއިތުވި ދެ މަހު ލިބެން ޖެހޭ ފައިސާ ލިބުން ލަސްވެގެން ހުކުރު ދުވަހުން ފެށިގެން ހުޅުމީދޫގައި ހުންނަ މިފްކޯގެ ފިޝަރީޒް ކޮމްޕްޕެލްސްގައި މުޒާހަރާ ކުރަމުން އަންނާތީ ކަންބޮޑުވުން ފާޅު ކުރައްވައި މޭޔަރު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ކޮރަޕްޝަންގެ ހާއްޔެއްގެ ގޮތުގައި ސިފަކުރެވޭ މިފްކޯ ހިންގުމުގެ ވިޔާނުދާ ސިޔާސަތަށް އެއްވެސް ބަދަލެއް ނުގެނެވި އެތަކެއް ސަރުކާރުތަކެއް ބަދަލުވެ ދިއުމާއި މި ސަރުކާރުން ވެސް އެކަމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައި ނުވާކަމީ މަސްވެރިންނަށް މާޔޫސްކަން ގެނުވާ ކަމެއް ކަމަށެވެ.
"އުންމީދަކި ސަރުކާރުން އައްޑޫގެ މަސްވެރިންގެ އަޑު އައްސަވައި މިކަމަށް އަވަސް ހައްލެއް ހޯއްދަވައި ދެއްވުން." އޭނަ ވިދާޅުވި އެވެ.
ނިޒާރު ވިދާޅުވީ މަސްވެރިންނަށް މިފްކޯ އިން ލިބެން ޖެހޭ ފައިސާ ނުލިބިގެން އަނެއްކާ ވެސް އައްޑޫގެ މަސްވެރިން އިހުތިޖާޖު ފަށަން ޖެހުމަކީ ކަންބޮޑުވުން އޮތް ކަމެއް ކަމަށެވެ.
"އަދި މިކަމާ ގުޅިގެން މަސްވެރިންނަށް އަދިވެސް އެކަށީގެންވާ ޖަވާބެއް ލިބިފައި ނުވާކަން ވެސް ފާހަގަ ކުރަން."
މަސްވެރިންގެ އެންމެ ބޮޑު ޑިމާންޑަކީ ފާއިތުވި ދެ މަހާއި 17 ދުވަހުގެ ތެރޭގައި ކިރުވި މަހަށް ލިބެން ޖެހޭ ފައިސާ ވީހާ ވެސް އަވަހަކަށް ދިނުމާއި ކުރިއަށް އޮތް ތަނުގައި ކިރުވާ މަހަށް އެންމެ ލަސްވެގެން 15 ދުވަހުގެ ތެރޭގައި ފައިސާ ލިބޭނެ އިންތިޒާމުތަކެއް ހަމަޖައްސައި ދިނުމެވެ.
މުޒާހަރާ ކުރަމުން އަންނަ އައްޑޫ މަސްވެރިން މިއަދު ބުނީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމު ނުވަތަ ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޑު އަށް ވަޑައިގެން ސީދާ އެ މީހުން ބައްދަލު ނުކުރައްވާހާ ހިނދަކު މުޒާހަރާ ހުއްޓައި ނުލާނެ ކަމަށެވެ.
މި މުޒާހަރާގެ ތެރެއިން މަސްވެރިން ވަނީ ފިޝަރީޒް ކޮމްޕްލެކްސްގެ އޮޕަރޭޝަން ވެސް ހުއްޓުވައިފަ އެވެ.