ވީހާވެސް ގިނަ މަސްވެރިން އައްޑޫ މަސްވެރިންގެ މުޒާހަރާގައި ބައިވެރިވެ، ނުލިބިވާ ފައިސާ ހޯދުމަށް މުޒާހަރާ ކުރުމަށް އެމްޑީޕީން ގޮވާލައިފިއެވެ.
އެމްޑީޕީ ޕީޖީން މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުގެ ސްޕޯކްސްޕާސަން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޛާކިރު ވިދާޅުވީ، އައްޑޫގެ 90 އިންސައްތަ މަސްވެރިން މިއަދު މުޒާހަރާގައި ތިބުމަކީ އެމްޑީޕީން ނުހަނު ކަންބޮޑުވާކަމެއް ކަމަށެވެ. އަދި މިކަމުގައި މަސްވެރިންނަށް އެދެވޭ ހައްލެއް ލިބޭ ކަމުގެ މައުލޫމާތެއްވެސް ނުލިބޭ ކަމަށް މައުރޫފް ވިދާޅުވިއެވެ.
ހުކުރު ދުވަހުން ފެށިގެން އައްޑޫ މަސްވެރިން އިހުތިޖާޖު ކުރަމުންދާއިރު ސަރުކާރުން މިހާތަނަށްވެސް މިކަމުގައި އެކަށީގެންވާ ހަލެއް އަދި ޖަވާބެއް މަސްވެރިންނަށް ދިފައިނުވާ ކަމަށް މައުލޫފް ވިދާޅުވިއެވެ. މަސްވެރިންނަށް ފައިސާ ދިނުމާ ގުޅޭގޮތުން ސަރުކާރުން އެކި ގޮތްގޮތަށް ވާހަކަ ދައްކަމުންދާކަން ފާހަގަކޮށް މައުރޫފް ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކުގެ މަސްވެެރިންގެ ކަންބޮޑުވުން ސަރުކާރާމެދު އެބައޮތް ކަމަށެވެ. އަދި ރާއްޖޭގެ މަސްވެރިން އިހުތިޖާޖަށް ތައްޔާރުވަމުންދާ ކަމަށާއި، މަސްވެރިން އެކީ ނިކުމެ މުޒާހަރާ ކުރުމަކީ ދެރަކަމެއް ކަމަށް ވިދާޅުވިއެވެ. އަދި ސަރުކާރުން މަސްވެރިންނަށް ފައިސާ ނުދެވޭ މައްސަލައަށް ހައްލު ހޯދަންޖެހޭ ކަމަށާއި ތިން ދުވަސް ވާއިރު ހައްލެއް ނުހޯދުމަކީ ސަރުކާރުގެ ނާގާބިލުކަން ކަމަށެވެ.
މީގެއިތުރުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މައުރޫފް ވިދާޅުވީ މި މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތެއް ކޮށްފިނަމަ އެ މަސައްކަތުގެ އުޖޫރަ ލިބެންޖެހޭނެ ކަމަށާއި އަދި އުޖޫރަ ނުލިބޭކަމަށްވާނަމަ މުޒާހަރާ ކޮށްގެންވެސް އެ ހޯދަން ޖެހޭނެ ކަމަށެވެ.
"މަސައްކަތް ކޮށްފަ މަސައްކަތުގެ އުޖޫރަ ނުލިބޭކަމަށްވާނަމަ އެހޯދުމަށްޓަކައި އެންމެހާ މަސައްކަތްތެރިން މުޒާހަރާ ކޮށްގެންވެސް ހޯދަން ޖެހޭ. އަދި ހުރިހާ މަސްވެރިން އެކުގާ ނިކުމެވެސް މަސްވެރިންގެ ނުލިބިވާ ފައިސާ ހޯދުން އެއީ ވަރަށް މުހިންމު ކަމެއް. އެކަމުގައި އަދި ވީހާވެސް ގިނަ މަސްވެރިން އައްޑޫ މުޒާހަރާގައި ބައިވެރިވުމަކީ، އެއީ މިހާރު ކުރަމުންދާ މުޒާހަރާއަށް އިތުރު ހިތްވަރު ލިބި، ސަރުކާރަށް މަޖުބޫރުކަން އިތުރުވެގެންދާނެ އެ ފައިސާ ދިނުމަށްޓަކައި." މައުރޫފް ވިދާޅުވިއެވެ.
މީގެއިތުރުން މައުރޫފް ވިދާޅުވީ އައްޑޫގައި މަސްވެރިން ކުރާ މުޒާހަރާގައި ޤާނުނާއި ގަވައިދާއި ހިލާފު އެއްވެސް ކަމެއް ކުރާކަމުގެ މައުލޫމާޓު ނުލިބޭ ކަމަށެވެ. މަސްވެރިންނަށް ދޭންޖެހެނީ 13 މިލިއަނެއްހާ ރުފިޔާކަން ފާހަގަކޮށް މައުރޫފް ވިދާޅުވީ ދައުލަތަކަށް މިއީ ކުޑަ އަދަދެއް ކަމަށެވެ. އަދި އަޑުއިވެނީ ސިޔާސީ މަގާމުތަކަށް ގިނަ ބަޔަކު އައްޔަނު ކުރާ ވާހަކަ ކަމަށް ވިދާޅުވިއެވެ.
އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުން ވަނީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މަސްވެރިންނާ ބައްދަލުކޮށް މި މައްސަލައަށް ހައްލެއް ހޯދައިދޭން ގޮވާލާފައެވެ. އަދި އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުން ތިބީ މަސްވެރިން އަދި ރާއްޖޭގެ މަސައްކަތްތެރިންނާ އެކު ކަމަށާއި، މަސްވެރިންގެ ކަންބޮޑުވުމަކީ ސަރުކާރުން އަޑުއަހާ އިޖާބަ ދޭންޖެހޭ ކަމެއް ކަމަށްވެސް މައުރޫފް ވިދާޅުވިއެވެ. މީގެއިތުރުން ސަރުކާރު އަދި މިފްކޯގެ ހަރަދު ކުޑަކޮށް އިގްތިސާދު ހަމަ މަގަށް އެޅުވުމަށް ވެސް ގޮވާލާފައިވެއެވެ.