Last Updated: January 15, 15:03
Wednesday, January 15, 2025
ޚަބަރު

މަސްވެރިންގެ ހައްގުގައި މަޖިލީހުގައި މަސައްކަތް ކުރާނަން

އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ނާޒިލް އަދި އެމްޑީޕީ ބައެއް މެންބަރުން- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރާއްޖޭގެ މަސްވެރިންގެ ހައްގުގައި ރައްޔިތުންގެ މަޖިލިސް ތެރެއިން ކުރެވެން ހުރި މަސައްކަތްތައް ކުރާނެ ކަމަށް އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުން މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނާޒިލް ވިދާޅުވީ، އައްޑޫ މަސްވެރިން އެމީހުންގެ ހައްގު ހޯދުމަށް އިހުތިޖާޖު ކުރަމުންދާއިރު ސަރުކާރުން މަސައްކަތް ކުރަނީ ފުލުހުން އަދި ސިފައިން އެތަނަށް ފޮނުވައިގެން މަސްވެރިން އެތަނުން ފޮނުވާލުމަށް ކަމަށެވެ. އެކަން އެގޮތަށް ރޭވިގެން ހިނގާކަމަށް މައުލޫމާތު ލިބޭ ކަމަށް ނާޒިލް ތުހުމަތު ކުރެއްވިއެވެ.

ނާޒިލް ވިދާޅުވީ މިހާރު މަސްވެރިން އާދޭސް ކުރާއިރުވެސް މަސްވެރިކަމުގެ ވަޒީރަށް އެކަމަށް އިޖާބަ ނުދެވޭ ކަމަށާއި މިކަމުގައި ސަރުކާރު ވަރަށް ބޮޑަށް ފަހަތު ފަޔަށް ބުރަވެފައިވާ ކަމަށެވެ.

މީގެއިތުރުން ނާޒިލް ވިދާޅުވީ މާދަމާ މަޖިލިސް ފެށޭއިރު މިކަމަށް މަޖިލިސް ތެރެއިން ކުރެވެން އޮތް މަސައްކަތެއް އެމްޑީޕީން ކުރާނެ ކަމަށެވެ. އަދި މިކަން ކުރާނީ ރާއްޖޭގެ ހުރިހާ މަސްވެރިންގެ ދިފާއުގައި ކަމަށްވެސް ނާޒިލް ވިދާޅުވިއެވެ. މާދަމާގެ ޖަލްސާގައި މިކަމާ ގުޅޭގޮތުން އަމަލުކުރާނެ ގޮތަކާމެދު މިހާރު މަޝްވަރާ ކުރަމުންދާ ކަމަށާއި އެންމެ ފަސޭހައިން ކުރިއަށް ދެވެން އޮތް ގޮތަކަށް ކުރިއަށްދާނެ ކަމަށް ނާޒިލް ވިދާޅުވިއެވެ. އަދި މި މައްސަލައިގައި މިނިސްޓަރު ޝިޔާމް ހާޒިރު ކުރުމާ މެދުވެސް މަޝްވަރާ ކުރަމުންދާކަން ފާހަގަ ކުރެއްވިއެވެ.

ނާޒިމް ވިދާޅުވީ މިހާ ދުވަސް ވާއިރު މަސްވެރިންނަށް ފައިސާ ނުދެވޭ ސަބަބާމެދު ރައްޔިތުން ސުވާލުކުރާ ކަމަށާއި، ކުރީ ސަރުކާރުން ހަފްްތާއިން ހަފްތާއިން އާންމުކޮށް މަސްވެރިންނަށް ފައިސާ ދެމުން ދިޔަ ކަމަށެވެ. އަދި ކިރާ މަސްކޮޅަށް ފައިސާ ލިބޭނެ ކަމުގެ ޔަގީންކަން މަސްވެރިން އަދި އޮޑިވެރިން ބޭނުންވާކަން ނާޒިލް ފާހަގަ ކުރެއްވިއެވެ.

މަސްވރިން މުޒާހަރާ ކުރަނީ އެއްވެސް ކަމެއް ނެތި ނޫންކަމަށާއި، މަސްވެރިން މުޒާހަރާކުރަނީ އެމީހުންގެ ހައްގު ހޯދަންކަން ނާޒިލް ފާހަގަކުރެއްވިއެވެ. އަދި މަސްވެރިން އެމީހުންގެ ހައްގުގައި ކުރާ މުޒާހަރާއަށް ފުލުހުންނާ ސިފައިން ހުރަސް ނޭޅުމަށްވެސް ގޮވާލާފައިވެއެވެ.