ކުރިން ވެސް މާރާމާރީގެ ރެކޯޑް އޮތް މީހަކު ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައެއްގައި މީހަކު ހައްޔަރުކޮށް ތަހުގީގު ނިމެންދެން ބަންދުކޮށްފި އެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ގއ. މާމެންދޫ، ގުލޭނޫރަންމާގޭ އަހުމަދު ރަބީއު، 26، އެވެ.
އޭނަ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ "ތަހުގީގު މަރުހަލާ ނިމި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މައްސަލަ ހުށަހެޅުމާ ހަމައަށް" ކަސްޓޯޑިއަލް ޖަލެއްގައި އޭނާ ބަންދުކުރުމަށް އަމުރުކޮށްފަ އެވެ.
ރަބީއު ބަންދުކުރީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ 16 ވަނަ މާއްދާގެ (ހ) އަށް ރިއާޔަތްކޮށް މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކަ އެވެ.
ކޯޓު އަމުރުގައި މައްސަލައިގެ ތަފުސީލެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އަމުރުގައި ބުނެފައިވާ ގޮތުން ގޮތުން އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ފުލުހުން ވަނީ ހެކި ހުށަހަޅައިފަ އެވެ.
ރަބީއު އަކީ 2022 ވަނަ އަހަރުހެ ކުޑަ އީދުގައި މާލޭގައި ގްރޫޕަކުން ހިންގި މާރާމާރީއަކާ ގުޅިގެން ހައްޔަރުކުރި 7 މީހުންގެ ތެރޭގައި ހިމެނުނު މީހެކެވެ.