މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެ ތެރެއިން މިހާތަނަށް ނުދެވި އޮތީ މަހަށްވާ 52.6 މިލިއަން ރުފިޔާ ކަމަށް މިފް ކޯއިން ބުނެފި އެވެ.
ފާއިތުވި ދެ މަހާއި 17 ދުވަހު ކިރުވި މަހަށް ލިބެންވާ ފައިސާ ނުލިބިގެން އައްޑޫ މަސްވެރިން ހުކުރު ދުވަހުން ފެށިގެން ހުޅުމީދޫގައި ހުންނަ މިފްކޯގެ ފިޝަރީޒް ކޮމްޕްލެކްސްގައި މުޒާހަރާ ކުރަމުން ދަނިކޮށް މިފްކޯ އިން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވަނީ މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދޭތާ ދެ މަސް ދުވަހަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށް ބުނާ ވާހަކަ ދޮގު ވެސް ކޮށްފަ އެވެ.
އެ ކުންފުނިން ބުނީ މަސްވެރިންނަށް ދޭން ޖެހިފައި އޮތީ މެއި 9 އިން ފެ ފެށިގެން މިއަދުގެ ނިޔަލަށް ދޭންޖެހޭ 52.6 މިލިއަން. ރުފިޔާ ކަމަށެވެ.
"މާނަ އަކީ އެއް މަހާއި 14 ދުވަސް. މިއީ މިހާތަނަށް ކިރި މަހުގެ ޖުމްލަ ކަމުގައި ދަންނަވަން." ފޮނުވި މެސެޖުގައި ބުންޏެވެ.
މިފްކޯ އޮން ބުނީ ފައިސާ ނުދެވިގެން އުޅެނީ ކުންފުނީގެ މާލީ ހާލަތު މިހާރު އޮތް ގޮތުން ކަމަށެވެ. ނަމަވެސް ވީހާ ވެސް އަވަހަކަށް ފައިސާ ދެވޭނެ ގޮތްތަކެއް ހޯދަމުން އަންނަ ކަމަށެވެ.
އައްޑޫ މަސްވެރިން ބުނަމުން އަންނަނީ އެ މީހުންނަށް ލިބެން ފައިސާ ނުދެނީސް މުޒާހަރާ ހުއްޓައި ނުލާނެ ކަމަށެވެ. މި މުޒާރަހާގެ ތެރޭގައި މަސްވެރިން ވަނީ ފިޝަރީޒް ކޮމްޕްލެކްގެ އޮޕަރޭޝަން ވެސް ހުއްޓުވައިފަ އެވެ.
މަސްވެރިންގެ މައިގަނޑު ޑިމާންޑްތަކުގެ ތެރޭގައި ހިމެނެނީ ލިބެން ޖެހޭ ފައިސާ ވީހާ ވެސް އަވަހަށް ދިނުމާއި ކުރިއަށް އޮތް ތަނުގައިި ކިރުވާ މަހަށް އެންމެ ގިނަވެގެން 15 ދުވަހުގެ ތެރޭގައި ފައިސާ ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ އިތުރަށް އެ މީހުންގެ ކަންބޮޑުވުންތައް އަޑު އައްސަވަން ފިޝަރީޒް މިނިސްޓަރު އައްޑު އަށް ވަޑައިގަތުމެވެ.
ފައިސާ ނުލިބިގެން އައްޑޫ މަސްވެރިން މުޒާހަރާ ކުރާ އިރު، މީގެ ކުރިން ރާއްޖޭގެ އެހެން ބައެއް ހިސާބުތަކުގައި ވެސް މަސްވެރިން ހަމަ މި މައްސަލައިގައި މުޒާހަރާކޮށްފައިވެ އެވެ.
މަސްވެރިން ކިރުވާ މަހަށް ދޭން ޖެހޭ ފައިސާ 48 ގަޑިއިރު ތެރޭގައި ދެވޭނެ އިންތިޒާމެއް ހަމަޖައްސަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް މި ސަރުކާރުން އެ ގޮތަށް އަމަލު ނުކުރާތީ މަސްވެރިންގެ ފާޑުކިޔުންތައް ސަރުކާރަށް ވަރަށް ބޮޑަށް އަމާޒުވެފައިވެ އެވެ.