Last Updated: January 15, 10:30
Wednesday, January 15, 2025
ޚަބަރު

ދޮގު ވާހަކަ ދެއްކިޔަސް، "ހަސަން ކުރުސީ" ދެކެ ބިރެއް ނުގަނޭ

ކިތަންމެ ވަރަކަށް ދޮގު ވާހަކަތައް ދެއްކިނަމަވެސް "ހަސަން ކުރުސީ" ދެކެ ބިރު ނުގަންނާނެ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ޕީއެންސީ ހަރުގެހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފަލާހް ވިދާޅުވީ ކުރީ ސަރުކާރުން ދައުލަތް ބަނގުރޫޓު ކޮށްލާފައިވާ ކަމަށާއި، ކަންކަން ރަނގަޅަށް ބަލާލުމުން ފެންނަނީ ސްކޫލުތަކަށް ދާންދެން މޯގޭޖް ކޮށްފައިވާތަން ކަމަށެވެ. ކުރީ ސަރުކާރުން ކޮށްފައިވާ ވައްކަންތަކާއި ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތައް ރައްޔިތުންނަށް ފޮރުވުމަށްޓަކައި ސިޔާސީ ދަންތުރަައެއް ޖަހަމުންދާކަމަށް ފަލާހް ވިދާޅުވިއެވެ.

"ވަރަށް ބައިވަރު ދޮގު، ގޯނި ގޯންޏަށް އަޅައިގެން މަގުތަކުގައި ހިނގަނީ، އެ އެއްޗެހި އަޑުއައްސަވާ ހުރިހާ ބޭފުޅުންނަށް އެ އެއްޗެހި މި ބައްސަވަނީ"

"އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނެއްވެސް ވަޒީރުންނެއްވެސް ސަރުކާރުގެ މަތި އަދި ދަށުފަންތީގެ އެއްވެސް ބޭފުޅަކު މިކަންކަމާ ކުރިމަތިލާކަށް ޖެހިލުމެއް ނުވާނެ. ހަސަން ކުރުސީއާއި ކުރުސީ ހަސަނާ ދެމީހުން ދެކެ އަޅުގަނޑުމެން ބިރެއް ނުގަނޭ." ފަލާހް ވިދާޅުވިއެވެ.

އިދިކޮޅު އެމްޑީޕީގެ "ލޮލުގައި" އަބަދުވެސް ރައީސް މުއިއްޒު އަޅައިގަނެފައި ހުންނަކަމަށާއި އެގޮތުން އެމްޑީޕީގެ ވެރިކަމުގައި ރައީސް މުއިއްޒުގެ ބޮލުގައި އެތައް ތުހުމަތެއް އުޅުއްވިކަން ފަލާހު ފާހަގަކުރެއްވިއެވެ. އަދި އެމަނިކުފާނުގެ މައްޗަށް ޝަރީއަތްވެސް ކުރިކަމަށާއި އެހެންނަމަވެސް އެމަނިކުފާނަކީ ތެދުވެރި އިޚްލާސްތެރިއެއްކަން 2023 ވަނަ އަހަރު ރައްޔިތުން ދައްކައިދީފައިވާ ކަމަށް ވިދާޅުވިއެވެ.

ކާކުކަން ނޭންގޭގޮތަށް ސޯޝަލްމީޑިއާ ޕްލެޓްފޯމް އެކްސްގައި، "ހަސަން ކުރުސީ"ގެ ނަމުގައި ހިންގަމުންދާ އެކައުންޓުން ސަރުކާރަށް ފާޑުކިޔާ އަދި އެކި ލިޔެކިޔުންތަކުގެ އަސްލުކަމަށްބުނެ ތަކެތި ހާމަކޮށް ހަދައެވެ. މި އެކައުންޓް ހިންގީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ބަޔަކު ތުހުމަތު ކުރިނަމަވެސް އެމަނިކުފާނު ވަނީ އެ ތުހުމަތުތައް ދޮގުކުރައްވާފައެވެ. އަދި އެ ތުހުމަތުތަކާ ގުޅިގެން އެ އެކައުންޓްގެ ހަގީގީ ވެރިފަރާތެއް ދެނެގަތުމަށް އެމަނިކުފާނު ފުލުހުންގެ ކިބައިންވެސް އެދިފައިވެއެވެ.