Last Updated: January 15, 10:30
Wednesday, January 15, 2025
ޚަބަރު

ރަސްމާލެ ހިއްކުން ޑިސެންބަރަށް ނިންމާނަން

ރައީސް ޑރ. މުހައްމަދު މުއިއްޒު- ފޮޓޯ: ޕީއެންސީ

ރަސްމާލެ ހިއްކުމުގެ މަޝްރޫއު އަންނަ މަހުގެ ތެރޭގައި އަލުން ފަށާނެ ކަމަށާއި އަދި ޑިސެމްބަރަށް ހިއްކާ ނިންމާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެންސީ ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައިސް މުއިއްޒު ވިދާޅުވީ ގައުމީ ބޮޑެތި މައްސަލަތައް ނެގުމަށްފަހު މި ސަރުކާރުގައި އޮތީ ބޮޑު ދެ ވައުދު ކަމަށާއި އެއީ ގެދޮރުވެރިކަމުގެ ވައުދާއި އާމްދަނީ އިތުރު ކޮށް ވަޒީފާ އިތުރުކުރުމުގެ ވައުދު ކަމަށެވެ.

އެގޮތުން ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓާނުލާ ކުރިއަށް ގެންދަވާކަން ރައީސް މުއިއްޒު ފާހަގަ ކުރެއްވިއެވެ. އަދި މިހާރު ހިއްކުން މަޑުޖެހިފައި އޮތް ރަސްމާލޭގެ މަސައްކަތް އަލުން ފެށި ޑިސެންބަރަށް ހިއްކާ ނިންމާލެވޭނެ ކަމަށް ވިދާޅުވިއެވެ.

"މިހާރު މަޑުޖެހިފައިއޮތް ރަސްމާލެ ހިއްކުމުގެ މަސައްކަތް މިއަންނަ މަހުގެ ތެރޭގައި އަމަލީގޮތުން އަނެއްކާ ފެށޭނެ. މިއަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް އަޅުގަނޑުމެންގެ އަމާޒަކީ ހަމަ ފުރަތަމަވެސް ޕްލޭންކުރި ގޮތަށް އެތަނުގައި 1100 ހެކްޓަރުގެ ބިން ހިއްކާ ނިންމުން. އިރާދަކުރެއްވިއްޔާ އެކަން ހާސިލު ކުރާނަން." ރައީސް މުއިއްޒު ވިދާޅުވިއެވެ.

މީގެއިތުރުން ރައިސް މުއިއްޒު ވިދާޅުވީ މިހާރުވެސް ހިއްކަމުންދާ ހުޅުމާލެ 3 ވަނަ ފިޔަވައްސާއި، ގުޅީފަޅާއި، ގިރާވަރުފަޅާއި، މި ސަރަަހައްދުގެ ހިއްކަން ޖެހޭ ހުރިހާ ސަަރަހައްދެއް ހިއްކުމާއި، އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގެދޮރު ބިނާކުރުމަށް ހިއްކަންޖެހޭތަންތަން ވައުދާ އެއްގޮތަށް ކުރިއަށްދާނެ ކަމަށެވެ.