ހައްގު ހޯދުމަށް ސުލްހަވެރިކަމާ އެކު ކުރާ އިހުތިޖާޖުތަކަށް ސަރުކާރުން މަރުހަބާ ކިޔާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޕީއެންސީ އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ، ރައްޔިތުންނަށް އެމީހުންގެ ހައްގު ހޯދުމަށް ސުލްހަވެރިކަމާއެކު އިހްތިޖާޖު ކުރެވޭނެ ކަމަށެވެ. އަދި އެފަދަ އިހްތިޖާޖުތަކަށް ސަރުކާރުން މަރުހަބާވެސް ކިޔާނެ ކަމަށް ވިދާޅުވިއެވެ.
އެހެންނަމަވެސް ރައްޔިތުންގެ އަދި ދައުލަތުގެ މުދަލަށް ގެއްލުން ދޭ ހިސާބަށް ދިއުމުގެ ފުރުސަތު ނުދޭނެކަމަށްވެސް ވިދާލުވިއެވެ.
"ރައްޔިތުންގެ، ދައުލަތުގެ މުދަލަށް ގެއްލުން ދޭހިސާބަށް އިހްތިޖާޖުތަކުގައި ދާން ފުރުސަތެއް ނުދޭނަން. އެއީ މަސްވެރިން ކަމަށްވިޔަސް އަދި އެހެން ބައެއް ކަމަށް ވިޔަސް. އެހެން ބައެއްގެ ހައްގުތަކަށް އެ އަރައިގަނެވުނީ." މިނިސްޓަރު ޝިޔާމު ވިދާޅުވި އެވެ.
މިނިސްޓަރު ޝިޔާމު ވަނީ މަސްވެރިން އިހްތިޖާޖު ކުުރުމުގައި އެއްވެސް ވަގުތެއް ދުއްވާނުލައި އެނބުރި މަސްވެރިކަމަށް ނިކުތުމަށްވެސް ގޮވާލާފައެވެ. މިސަރުކާރުން އެއްވެސް ކަމެއް އޮޅުވާނުލާނެ ކަމަށާއި، ކަމުގެ ހަގީގަތް ސާފުކޮށްދޭނެ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ޝިޔާމް މިފަދައިން ވިދާޅުވިއިރު، ފާއިތުވި ދެ މަހާއި 17 ދުވަހު ކިރުވި މަހަށް ލިބެންވާ ފައިސާ ނުލިބިގެން އައްޑޫ މަސްވެރިން ހުކުރު ދުވަހުން ފެށިގެން ހުޅުމީދޫގައި ހުންނަ މިފްކޯގެ ފިޝަރީޒް ކޮމްޕްލެކްސްގައި ދަނީ މުޒާހަރާ ކުރަމުންނެވެ. މިފްކޯއިން މިއަދު ބުނެފައިވަނީ މަސްވެރިންނަށް ދޭން ޖެހިފައި އޮތީ މެއި 9 ވަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ދޭންޖެހޭ 52.6 މިލިއަން ރުފިޔާ ކަމަށެވެ.
އައްޑޫ މަސްވެރިން ބުނަމުން އަންނަނީ އެ މީހުންނަށް ލިބެން ފައިސާ ނުދެނީސް މުޒާހަރާ ހުއްޓައި ނުލާނެ ކަމަށެވެ. މި މުޒާރަހާގެ ތެރޭގައި މަސްވެރިން ވަނީ ފިޝަރީޒް ކޮމްޕްލެކްގެ އޮޕަރޭޝަން ވެސް ހުއްޓުވައިފައެވެ.
ހިޔާލު ފާޅުކުރައްވާ