ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގޮތް ރަނގަޅަށް އެނގޭތީ، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެރިކަން ހޯދައިދިނުމަށް މާކުރިން ރޭވިކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕީއެންސީ ޖަގަހަ ހުޅުވުމަށް ރޭ ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަަހީމް ވިދާޅުވީ ރިޔާސީ އިންތިހާބަށް ޕްލޭން އޭ، ބީ އަދި ސީ ހަދާފައި އޮތްހިރުވެސް ޔާމީންގެ ރުހުމުގައި ޕީއެންސީއަށް ރިޔާސީ އިންތިހާބުގައި ކުރިމަތިލުމުގެ ފުރުސަތު ނުދެއްވާނެކަން މާކުރިންވެސް އެނގޭ ކަމަށެވެ.
"މާކުރިން ރޭވީމޭ. ކީއްވެ ރޭވީ؟ އަޅުގަނޑަށް ރައީސް ޔާމީން އެނގޭތީ ރޭވީ. އަޅުގަނޑަށް އެނގޭ އެ މަނިކުފާނަށް ވާދަނުކުވެންޏާ އަޅުގަނޑުމެން ޕާޓީ [ޕީއެންސީއަށް] ކުރިމަތިލާން ފުރުސަތު ނުދެއްވާނެކަން" އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުރަހީމް ވިދާޅުވީ އެ ރޭވުން އެގޮތަށް ރާވަންޖެހުރީ ޔާމީންގެ ގޮތް ރަނގަޅަށް އެނގިވަޑައިގަންނަވާތީ ރައްޔިތުންގެ ހައްޤުގައި ކަމަށެވެ.
މީގެއިތުރުން ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ 2018 ގައި ރިޔާސީ އިންތިހާބު ގެއްލުނީވެސް އޭރު ތިއްބެވި އިސްބޭފުޅުން ދެއްކެވި ވާހަކަތަކަށް ޔާމީން ބީރު ކަންފަތެއް ދެއްވުމުން ކަމަށެވެ. އަދި ދެފުރާޅެއްގެ ދަށުގައި ކެމްޕެއިން ކޮށްގެން ހިންގި ކަންކަމުގެ ސަބަބުން ކަމަށެވެ.