އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސްގެ ކޮއްކޯފުޅު ޕްރިންސެސް އޭން ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދޭން ފަށައިފި އެވެ.
މިކަމާ ގުޅިގެން ޝާހީ އާއިލާ އިން ނެރުނު ބަޔާނެއްގައި ބުނީ އުމުރުފުޅުން 73 އަހަރުގެ އޭން ދިރިއުޅުއްވާ ގެޓްކޮމް ޕާކް ގަނޑުވަރުގައި ބޮލަށް ލިބިވަޑައިގަތް ޒަހަމްތަކަކާ ގުޅިގެން ފަރުވާ ދެމުން އަންނަނީ ބްރިސްޓަލްގެ ސައުތުމެޑް ހޮސްޕިޓަލްގައި ކަމަށެވެ. ނަމަވެސް އަނިޔާވެވަޑަައިގަތީ ކޮންކަމާ ގުޅިގެން ކަމެއް ހާމައެއް ނުކުރައްވަފަ އެވެ.
ނަމަވެސް ބައެއް މިޑިއާތަކުން ބުނި އޭން އަށް އަނިޔާވީ އަސް ދުއްވަވަނިކޮށް ކަމަށެވެ.
ޝާހީ އާއިލާ އިން ބުނީ އޭން އަށް ލިބިވަޑައިގަތީ ކުދިކުދި ޒަހަމްތަކެއް ކަމަށާއި މި ވަގުތު އެ ކަމަނާ އޮންނެވީ އޮބްޒަވޭޝަންގައި ކަމަށެވެ.
އޭން ހޮސްޕިޓަލްގައި އެޑްމިޓް މި ކުރީ މި ހަފުތާގެ ފަހުކޮޅު ކެނެޑާ އަށް ވަޑައިގަންނަވަން ހަމަޖެހިފައި ވަނިކޮށެވެ.
ޕްރިންސެސް އޭން އަކީ އިނގިރޭސިވިލާތުގައި އެންމެ ގިނަ ދުވަހު ރަނިިކަން ކުރެއްވި ރާނި އެލިޒަބަތު ދޭކަށް ލިބިވަޑައިގަތް ހަތަރު ބޭފުޅުންގެ ތެރެއިން ހަމައެނި އަންހެން ބޭފުޅާ އެވެ. އަދި ދެވަނަ އަށް އެންމެ ދޮށީ ބޭފުޅާ އެވެ.
އޭންގެ ބޭބޭފުޅު ޗާލްސް އިނގިރޭސި ތަހުތާ ހަވާލުވެވަޑައިގެންނެވީ 2022 ގައި ރާނީ އަވަހާރަވުމާ ގުޅިގެންނެވެ. ޗާލްސް އާއި ޅީދަރިކަނބަލުން ކޭޓް މިޑްލްޓަން ގެންދަވަނީ ކެންސަރު ޖެހިވަޑައިގެން އެ ބައްޔަށް ފަރުވާ ހޯއްދަވަމުންނެވެ. ކޭޓް އަކީ ޗާލްސްގެ ދޮށީ ދަރިކަލުން ޕްރިންސް ވިލިއަމްގެ އަނބިކަނބަލުންނެވެ.