Last Updated: September 8, 06:07
Sunday, September 8, 2024
ޚަބަރު

އުރީދު އާއި އެންވިޑިއާ ޕާޓްނަޝިޕަކަށް

އުރީދު އާއި އެމެރިކާގެ މަޝްހޫރު ޓެކް ކުންފުނި އަދި ދުނިޔޭގެ އެންމެ އަގުހުރި އެއް ކުންފުނި ކަމަށްވާ އެންވީޑިއާ އާ ދެމެދު ޕާޓްނާޝިޕް އެއްބަސްވުމުގެ ދަށުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ހިދުމަތް ރާއްޖެ އަށް ލިބުމަށް މަގުފަހިވެއްޖެ އެވެ.

މިއީ އުރީދޫން އެންވީޑިއާ ކްލައުޑް (އެންސީޕީ) ޕާޓްނަރަކަށްވެ، މެދުއިރުމައްޗާއި އުތުރު އެފްރިކާ ސަރަހައްދުގެ އިތުރުން ރާއްޖޭގައި އެންމެ ބޮޑު ޑިޖިޓަލް އިންފްރާސްޓްރަކްޗާ ފޯރުކޮށްދޭ ކުންފުންޏަކަށްވުމުގެ ސްޓްރެޓެޖީއާ އެއްގޮތުގެމަތިން ވެވުނު ޕާޓްނާޝިޕެކެވެ. މީގެ ދަށުން އެންވިޑިއާގެ ޒަމާނީ ކޮމްޕިއުޓިން ޕްލެޓްފޯމް ބޭނުންކޮށްގެން މި ސަރަހައްދުތަކުގައި އޭއައި އިންގިލާބެއް މަގުފަހިކޮށްދިނުމަށް އުރީދޫން މަސައްކަތްކުރާނެ ކަމަށް އުރީދޫ މޯލްޑިވްސް އިން ބުނެ އެވެ.

"އާ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން، އެންވީޑިއާގެ އީޖާދީ ހިދުމަތްތަކުގެ އެހީގައި އޭއައި ރެޑީ ޕްލެޓްފޯމެއް އަންނަނީ ތަރައްގީ ކުރަމުން." އެ ކުންފުނިން ބުންޏެވެ.

އުރީދޫން ބުނީ މި ޕްލެޓްފޯމަކީ ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދީ، ވިޔަފާރިތަކާއި ސްޓާޓްއަޕްތަކުގެ ޑޭޓާސެޓްތައް ރައްކާތެރިކަމާއެކު ޕްރޮސެސް ކުރުމަށް ބާރުވެރިކުރުވުމުގެ އިތުރުން، އެ ޕްލެޓްފޯމް ބޭނުންކުރާ ފަރާތްތަކަށް އަގުހުރި މައުލޫމާތުތަކެއް ފޯރުކޮށްދީ، އެ ފަރާތްތަކުގެ ވިޔަފާރި އިތުރަށް ފުޅާކުރުމަށް އެހީތެރިވެދޭނެ ޕްލެޓްފޯމެއް ކަމަށެވެ. އުރީދޫ މޯލްޑިވްސްއިން ބުނެ އެވެ.