Last Updated: January 14, 23:07
Tuesday, January 14, 2025
ޚަބަރު

އިހުތިޖާޖަށް ހުރަސްނާޅާ، މަސްވެރިންނަށް ފައިސާ ދޫކުރުމަށް ގޮވާލައިފި

މެންބަރު އަހުމަދުދީދީ- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މަސްވެރިންގެ އަތުން ގަނެފައިވާ މަހަށް ދޭންޖެހޭ ފައިސާ އަވަަހަށް ދޫކުރުމަށާއި މަސްވެރިން ކުރާ އިހުތިޖާޖަށް ހުރަސް ނޭޅުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހަޅާފައިވަނީ މަރަދޫ ދާއިރާގެ މެންބަރު އަހުމަދުދީދީއެވެ. މި ކުއްލި މައްސަލަ ބަލައިގަތުމަށް ފެންނަ ކަމަށް 74 މެންބަރުން ވޯޓު ދީފައިވެއެވެ.

މިފްކޯއިން މަސްވެރިންގެ އަތުން މަސްގަތުމަށްފަހު ފައިސާ ނުދީ ގިނަ މަސްތަކެއް ވެފައިވާތީ މަސްވެރިން ކުރާ އިހުތިޖާޖަށް ސަރުކާރުން ހައްލެއް ހޯދައި ނުދެތީ މެންބަރު އަހުމަދުދީދީ ހުށަހަޅި ކުއްލި މައްސަލައިގައި ބުނެފައިވަނީ މަސްވެރިން ކިރާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސި ވައުދުފުޅެއް ކަމަށެވެ. ނަމަވެސް މަސްވެރިން ކިރާފައިވާ މަހަށް، 2 މަސްދުވަސް ފާއިތުވީއިރުވެސް ފައިސާ ނުދޭ ކަމަށް ކުއްލި މައްސަލައިގައި ބުނެފައިވެއެވެ.

މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދީ ގިނަ ދުވަސްތަކެއް ވުމުން މަސްވެރިން ބިކަވެފައިވާކަން ފާހަގަކޮށް ކުއްލި މައްސަލައިގައި ބުނެފައިވަނީ އެކަމުގެ ސަބަބުން މަސްވެރި އާއިލާތަކަށް މާލީ ދަތިތައް ކުރިމަތިވެފައިވާ ކަމަށާއި، އަދި މަސްވެރިކަމަށް ބަރޯސާވާ ރަށްރަށުގެ އިގްތިސާދު ވެސް ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ.

ކުއްލި މައްސަލައިގައި ބުނެފައިވަނީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދު ފުއްދާ ނުދޭތީ ހުކުރު ދުވަހުން ފެށިގެން އައްޑޫގެ 90 އިންސައްތަ މަސްވެރިން އިހުތިޖާޖަށް ނުކުމެ އަޑުއުފުލަމުންދާ ކަމަށެވެ. އަދި އެހެން ރަށްރަށުގެ މަސްވެރިން ވެސް ހައްގު ހޯދުމަށް ކުރާ އިހުތިޖާޖަށް ފުލުހުންނާއި ސިފައިން ހުރަސް ނާޅާ، މަސްވެރިންނަށް ދޭންޖެހޭ ފައިސާ ހަމަޖައްސާ، ސަރުކާރުން މަސްވެރިންގެ ގޮވާލުމަށް އިޖާބަދިނުމަށް ކުއްލި މައްސަލައިގައި ގޮވާލާފައިވެއެވެ.