ކޮންމެ ވައުދެއް ތުރުކީ ހަނޑުލަށް ވީގޮތަށް ވުމުން ކަމަކު ނުދާނެ ކަމަށާއި މަސްވެރިންނަށް ދޭންޖެހޭ ފައިސާ ވީހާވެސް އަވަހަށް ދޭންޖެހޭ ކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.
އައްޑޫގެ މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ނުދީ ގިނަ ދުވަސްވުމުން އެ މަސްވެރިން ކުރަމުންދާ އިހުތިޖާޖާ ގުޅިގެން މަޖިލީހަށް މަރަދޫ ދާއިރާގެ މެންބަރު އަހުމަދުދީދީ ހުށަހެޅި ކުއްލި މައްސަލައަސް ވާހަކަ ދައްކަވަމުން މެންބަރު ޒިޔާދު ވިދާޅުވީ މަސްވެރިންނަށް ފައިސާ ނުދެވޭ މައްސަލައަކީ ކުއްލި މައްސަލައަކަށް ވުރެ ބޮޑަށް ރާއްޖޭގައި މިހާރު އާންމު މައްސަލައެއް ކަމަށެވެ. އަދި "ދިވެހިންގެ ރާއްޖެ"ގައި އެންމެ ގިނައިން މުޒާހަރާ ކުރާ އެއްކަމަކީ މަސްވެރިންނާ ގުޅުންހުރި ކަންކަމުގައިކަން މެންބަރު ފާހަގަ ކުރެއްވިއެވެ.
މަސްވެރިން ގޮވަމުންދަނީ އެމީހުން ކިރި މަހަށް ލިބެންޖެހޭ ފައިސާ ދިނުމަށް ކަމަށާއި، މަސްކިރާތާ 48 ގަޑިއިރުގެ ތެރޭގައި މަހަށް ފައިސާ ދިނުމަކީ ރައީސް މުއިއްޒުގެ ވައުދެއްކަމަށްވެސް ޒިޔާދު ވިދާޅުވިއެވެ. މި ސަރުކާރުން ދިރާސާކުރުމަށްފަހު މަހުގެ އަގު 20 ރުފިޔާއަށް ދަށްކުރިކަން ފާހަގަކޮށް ޒިޔާދު ވިދާޅުވީ ދެންވެސް މަހުގެ އަގު ދަށްކުރަންޖެހޭނަމަ އެކަންކޮށް ފައިސާ ދެވޭނެ ދުވަހެއް މަސްވެރިންނަށް ސާފުކޮށްދިނުމުން އެކަން މަސްވެރިން ގަބޫލުކުރާނެ ކަމަށެވެ. މަސްވެރިން މިހާރު މުޒާހަރާ ކުރަނީ 48 ގަޑިއިރުތެރޭ ފައިސާ ދޭނެކަމަށް ބުނެ ފައިސާ ނުދެވި ގިނަ ދުވަސްވާތީކަން ފާހަގަ ކުރެއްވިއެވެ.
"ކޮންމެ ވައުދެއް ތުރުކީ ހަނޑުލަށް ވީމަ ކަމަކު ނުދާނެ. ބައެއް ވައުދު އެބަޖެހޭ ފުއްދަން. މިއީ ފުއްދަންޖެހޭ ވައުދެއް." މެންބަރު ޒިޔާދު ވިދާޅުވިއެވެ.
މަސްވެރިންނަށް ވަކި ވަރަކަށް ފައިސާ ދިންކަމަށް ސަރުކާރުގެ އެކި ފަރާތްތަކުން ފާހަގަކުރާކަން ފާހަގަކޮށް ޒިޔާދު ވިދާޅުވީ އެ ފައިސާއަކީ ނުކުރާ މަސައްކަތެއްގެ އަގު ނޫންކަމަށާއި އެދެވެނީ މަސްވެރިން ކުރި މަސައްކަތުގެ އަގު ކަމަށެވެ.
މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލައިގައި ބުނެފައިވަނީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދު ފުއްދާ ނުދޭތީ ހުކުރު ދުވަހުން ފެށިގެން އައްޑޫގެ 90 އިންސައްތަ މަސްވެރިން އިހުތިޖާޖަށް ނުކުމެ އަޑުއުފުލަމުންދާ ކަމަށެވެ. އަދި އެހެން ރަށްރަށުގެ މަސްވެރިން ވެސް ހައްގު ހޯދުމަށް ކުރާ އިހުތިޖާޖަށް ފުލުހުންނާއި ސިފައިން ހުރަސް ނާޅާ، މަސްވެރިންނަށް ދޭންޖެހޭ ފައިސާ ހަމަޖައްސާ، ސަރުކާރުން މަސްވެރިންގެ ގޮވާލުމަށް އިޖާބަދިނުމަށް ކުއްލި މައްސަލައިގައި ގޮވާލާފައިވެއެވެ.