ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެމްޑީޕީން ކުއްލި މައްސަލައެއް ހުށަހެޅީ މަސްވެރިންނަށް ސަރުކާރުން ފައިސާ ނުދޭތީ ނޫން ކަމަށާއި އެކަންކުރީ ސަރުކާރުގެ ހިދުމަތްތައް ހުއްޓުވުމަށް ކަމަށް ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމްދީދީ ވިދާޅުވެއްޖެއެވެ.
އައްޑޫގެ މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ނުދީ ގިނަ ދުވަސްވުމުން އެ މަސްވެރިން ކުރަމުންދާ އިހުތިޖާޖާ ގުޅިގެން މަޖިލީހަށް މަރަދޫ ދާއިރާގެ މެންބަރު އަހުމަދުދީދީ ހުށަހެޅި ކުއްލި މައްސަލަށް ވާހަކަ ދައްކަވަމުން މެންބަރު އިބްރާހިމްދީދީ ވިދާޅުވީ މަސްވެރިންނަށް ފައިސާ ނުލިބޭތީ ކަމަށްބުނެ ކުއްލި މައްސަލައެއް ހުށަހެޅުމުން ހައިރާންވާ ކަމަށެވެ. މިދިޔަ 5 އަހަރު މަސްވެރިން އުޅުނު ހާލު ފެނުނު ކަމަށާއި މަސް ނުކިރިގެން މަހަށް ފައިސާ ނުލިބިގެން އޭރުވެސް މަސްވެރިން އުޅުނު ކަމަށެވެ. އަދި މިދިޔަ ސަރުކާރުން އެކި ފަރާތްތަކަށް ދޭންހުރި ފައިސާ ނުދީ ތިބުމުން އެ މީހުންވެސް އެ ފައިސާ ހޯދުމަށް ވަރަށް މަސައްކަތް ކުރިކަން ފާހަގަ ކުރެއްވިއެވެ. އަދި އެކަމުގައި ކުއްލި މައްސަލަ ހުށަނޭޅީ ކީއްވެތޯ ސުވާލު އުފެއްދެވިއެވެ.
އިބްރާޙިމްދީދީ ވިދާޅުވީ އެމްޑީޕީގެ މެންބަރުން ޒިންމާދާރުވާންޖެހޭ ކަމަށެވެ. އަދި ސަރުކާރުން ކުރާކަންކަން ގޯސްކަމަށް ދައްކަން ހުށަހަޅާ މައްސަލަތަކުގައި ހަގީގަތް ހާމަކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާއަށް ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ ބިލުގެ ބަހުސް އެޖެންްޑާ ކޮށްފައިއޮތްކަން ފާހަގަކޮށް އިބްރާހިމްދީދީ ވަނީ އެ ފަންޑުގައި ހުރި ފައިސާ ނެގީ ކޮންބައެއްތޯ ސުވާލު އުފައްދަވާފައެވެ. އަދި އެ ފައިސާ ހުރިނަމަ މަސްވެރިންނަށް ވެސް ލާރިދެވޭނެ ކަމަށާއި އަދި ރާއްޖޭގެ ދަރަނިވެސް ދެއްކޭނެ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު ދައްކާ ވާހަކައަކީ، މަރަދޫ ދާއިރާގެ މެންބަރު އެ ހުށަހެޅި މައްސަލައަކީ، ސަރުކާރުން މަސްވެރިންނަށް ފައިސާ ނުދީގެން ހުށަހެޅި މައްސަލައެއް ނޫން، މިއުޅެނީ އެހެން މައްސަލައެއް. މިއުޅެނީ ސަރުކާރުން ދޭ ހިދުމަތް ހުއްޓުވަން. 200 އެއްހާ ބިލު މިތަނަށް ހުށަހަޅަންޖެހޭ، މި ބިލުތަކުގެ މަސައްކަތް ހުއްޓުވަން ކުރައްވާ މަސައްކަތްތަކެއް މިއީ." އިބްރާހިމް ދީދީ ވިދާޅުވިއެވެ.
އިބްރާހިމްދީދީ ވިދާޅުވީ މި ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދޭނެ ކަމަށާއި ރައީސުލްޖުމްހޫރިއްޔާއާއި ކެބިނެޓުން އެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަަމަށެވެ.
މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލައިގައި ބުނެފައިވަނީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދު ފުއްދާ ނުދޭތީ ހުކުރު ދުވަހުން ފެށިގެން އައްޑޫގެ 90 އިންސައްތަ މަސްވެރިން އިހުތިޖާޖަށް ނުކުމެ އަޑުއުފުލަމުންދާ ކަމަށެވެ. އަދި އެހެން ރަށްރަށުގެ މަސްވެރިން ވެސް ހައްގު ހޯދުމަށް ކުރާ އިހުތިޖާޖަށް ފުލުހުންނާއި ސިފައިން ހުރަސް ނާޅާ، މަސްވެރިންނަށް ދޭންޖެހޭ ފައިސާ ހަމަޖައްސާ، ސަރުކާރުން މަސްވެރިންގެ ގޮވާލުމަށް އިޖާބަދިނުމަށް ކުއްލި މައްސަލައިގައި ގޮވާލާފައިވެއެވެ.