Last Updated: January 14, 23:07
Tuesday, January 14, 2025
ޚަބަރު

46 ވަގުން، 4،000 ފަހަރު ހިފަހައްޓައިފި

މިނިސްޓަރު އަލީ އިހުސާން- ފޮޓޯ: ހޯމް މިނިސްޓްރީ

ތަކުރާރުކޮށް ވައްކަންކުރާ 46 މީހަކު ފާހަގަ ކުރެވިފައިވާ ކަމަށާއި، ފުލުހުން އެމީހުން 4000 އަށްވުރެ ގިނަ ފަހަރު ހުއްޓުވާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީއަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ މާލޭގައި ތަކުރާރުކޮށް ވައްކަން ކުރުމުގެ މައްސަލަތަކުގައި އުޅޭ 46 މީހަކު ފާހަގަ ކުރެވިފައިވާ ކަމަށެވެ.

މިނިސްޓަރު އިހުސާން ވިދާޅުވީ ފާއިތުވި ހަ މަސް ދުވަހުގެތެރޭ ފުލުހުން 4،000 ފަހަރު މަތިން އެ މީހުން ހުއްޓުވާފައިވާފައިވާ ކަމަށެވެ. މީގެން ބައެއް މީހުން ހައްޔަރު ކުރެވޭ ކަމަށާއި އަނެއްބައިފަހަރު އެ މީހުންނަށް ނަސޭހަތްދީ ދޫކޮށްލާކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

މީގެއިތުރުން މިނިސްޓަރު އިހުސާން ވިދާޅުވީ ކޯޓުތަކުގެ އިހުތިސާސް ޤާނޫނުގައި ސާފުކޮށް ލިޔަންޖެހޭ ކަމަށެވެ. ކޯޓުތަކުގެ އިހުތިސާސް ސާފުނުވާތީ ދިމާވާ ގޮންޖެހުން ބޮޑުކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. އަދި އެ ސަބަބާހުރެ ބައެއް ފަހަރު ވަގުން ދޫވާކަންވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

ތަކުރާރުކޮށް ވައްކަންކުރާ މީހުންގެ ތެރެއިން 46 މީހުން ފާހަގަ ކުރެވިފައިވާއިރު އޭގެތެރެއިން އެންމެ ނުރައްކާތެރި 21 މީހަކު ފާހަގަކުރެވި މިދިޔަ ހަފުތާގައި ހާއްސަ އޮޕަރޭޝަނެއް ފުލުހުން ފަށާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން 10 މީހަކު ނެޝަނަލް ޑުރަގު އެޖެންސީއަށް ފަރުވާއަށް މިހާރު ނަގާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.