Last Updated: January 14, 23:07
Tuesday, January 14, 2025
ޚަބަރު

އިންޑިއާ ދަތުރަށް ހޭދަކުރީ 1.4 މިލިއަން

ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫއާ އެކު- ފޮޓޯ: ރައީސް އޮފީސް

އިންޑިއާގެ ބޮޑުވަޒީރު މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ދަތުރުފުޅަށް ސަރުކާރުން ހޭދަކޮށްފައިވަނީ 1.4 މިލިއަން ރުފިފާ ކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ.

އިންޑިއާއަށް ރައީސް މުއިއްޒު ވަޑައިގެންފައިވަނީ ޖޫން 8 އިން 11 އަށެވެ. ރައީސް އިންޑިއާއަށް ކުރެއްވި ދަތުރުފުޅަކީ "ނެއިބަރހުޑް ފަސްޓް ޕޮލިސީ"ގެ ދަށުން އިންޑިއާގެ ބޮޑުވަޒީރު ދެއްވާފައިވާ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

ރައީސް އޮފީހުން ބުނެފައިވަނީ މިދަތުރުފުޅަށް ދިވެހި ސަރުކާރުން ހޭދަކޮށްފައިވަނީ ޖުމުލަ 1،440،170.33 ރުފިޔާ ކަމަށެވެ. މިދަތުރުފުޅުގައި ރައީސްގެ ރަސްމީ ވަފުދާއި، ސަޕޯޓް ސްޓާފުންގެ ގޮތުގައި ޖުމުލަ 20 ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.

ރައީސް އޮފީހުން ބުނެފައިވަނީ މި ދަތުރުފުޅަށް ދައުވަތު ލިބުނީ ވަގުތު ކުޑަތަންވެފައިވަނިކޮށް ކަމުން ސަރުކާރުގެ ވަފުދު އިންޑިއާއަށް ދަތުރުކުރައްވާފައިވަނީ ދުބާއީ އަދި ސްރީލަންކާ މަގުން ކަމަށެވެ.

ރައީސް މުއިއްޒުގެ މި ދަތުރުފުޅުގައި، ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އިއްޒަތްތެރިންގެ ޝަރަފުގައި އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ ދެއްވި ރަސްމީ ޖާފަތުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ރައީސް މުއިއްޒު އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫއާ ދެބޭފުޅުން ބައްދަލުކުރައްވައި ދެޤައުމުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ މަޝްވަރާތައް ކުރެއްވިއެވެ. މީގެ އިތުރުން އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑޮކްޓަރ ސުބްރަމާނިއަމް ޖަޔަޝަންކަރުވެސް ރައީސް މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރެއްވިއެވެ.