ރިޔާސީ އިންތިހާބުގެ ތެރޭގައި މަސް ކިލޯއެއް ގަންނަ އަގު ކުރީފެ ސަރުކާރުން ބޮޑުކުރުމަކީ މަސްވެރިކަމުގެ ސިނާއަތަށް ދިން ގެއްލުމެއް ކަމަށާއި މަސްވެރިންނަށް މިހާރު އުފުލަން ޖެހިފައި އޮތް ދައްޗަކި އޭގެ ސަބަބުން ދިމާވެގެން އުޅޭ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވިދާޅުވެއްޖެ އެވެ.
ފާއިތުވި ދެ މަހު އައްޑޫ މަސްވެރިން ކިރުވި މަހަށް ފައިސާ ލިބުން ލަސްވެގެން މިދިޔަ ހުކުރު ދުވަހުން ފެށިގެން މުޒާހަރާ ކުރަމުން އަންނަ އިރު، ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި ސަރުކާރު ހިންގާ ޕީއެންސީ އަށް ނިސްބަތްވާ މެންބަރުން ވިދާޅުވީ މަަސް ކިލޯއެއްގެ ގަންނަ އަގު ކުރީގެ ސަރުކާރުން ބޮޑުކުރީ އެ ފައިސާ ބަޖެޓުގައި ނެތްކަން އެނގި ތިބެ ކަމަށެވެ. އަދި އެއީ ސިޔާސީ މަންފާއެއް ހޯދަން ސަރިުކާރު ނިންމި ނިންމުމެއް ކަމަށް އަޒާން ވިދާޅުވި އެވެ.
އެހެންވެ މިކަމުން މިހާރު ހުރިހާ ގެއްލުމެއް މަސްވެރިން ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. ނަމަވެސް މި ސަރުކާރުން އަންނަނީ ފައިސާގެ ތާށިކަމާ ހުރެ ވެސް މަސްވެރިންނަށް ފައިސާ ދައްކާ ބެކްލޮގް ކްލިއާކުރަމުން ކަމަށެވެ.
"މިއީ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނެ ކަމެއް ނޫން. ދާއިމަށް ގެއްލުމުގައި މަސް ގަތުމަކީ އެއްވެސް ސަރުކާރަކަށް ކުރެވޭނެ ކަމެއް ނޫން،" އަޒާން ވިދާޅުވި އެވެ. "މިކަމަށް ހޯދަން ޖެހެނީ ދެމެހެއްޓެނިވި ހައްލެއް،"
އޭނަ ވިދާޅުވީ މަސްވެރިންނަށް ފައިސާ ނުލިބި ތިބި ދަނޑިވަޅެއްގައި މިހާރު އިދިކޮޅުން ސިޔާސީ މަގުސަދެއް ހާސިލުކުރުމަށް ކުރަމަކީ މަސްވެރިންގެ ހާލަތުގެ ނާޖާއިޒު ފައިދާ ވެސް ނަގަމުންދާ ކަމަށެވެ.
ކުރީގެ ސަރުކާރުން މަސް ކިލޯއެއް ގަންނަ 25ރ. އަށް ބޮޑުކުރި ނަމަވެސް މި ސަރުކާރުން ވަނީ މަސް ކިލޯއެއްގެ އަގު 20ރ. އަށް ވުރެ މަތި ނުކުރަން ނިންމައިފަ އެވެ.
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމުގެ މ އަހަރުގެ ފެބްރުއަރީގައި ވިދާޅުވެފައި ވަނީ އެގޮތަށް ނިންމި މައިގަނޑު ސަބަބަކީ މަސް ކިލޯއެއް 25ރ. ގެ ރޭޓުން ގަތުމުން މިފްކޯ އަށް ބޮޑު ގެއްލުމަކާ ކުރިމަތިވާތީ ކަމަށެވެ. އަދި މަސް ކިލޯއެއް 25ރ. އަށް ގަތުމަކީ ދަޢުލަތަށް މިހާރު ލިބޭ އާމްދަނީއާ އަޅާބަލާ އިރު، ސަރުކާރަކަށް ހިފެހެއްޓޭނެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
ޝިޔާމު ވިދާޅުވެފައި ވަނީ މަސް ގަންނަ އަގު ކުރީގެ ސަރުކާރުން ބޮޑުކުރީ ސިޔާސީ ބޭނުމެއްގައި ކަމަށާއި އެކަން ވެސް މަސްވެރިން ވެސް ގަބޫލުކުރާ ކަމަށެވެ.
މަސް ކިލޯއެއްގެ އަގު 17.ރ އިން 25ރ. އަށް ބޮޑުކުރީ މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުުގެ ދެވަނަ ބުރުގެ ކެމްޕޭން ތެރޭގަ އެވެ.