އަންނަ އަހަރު "ކޮފީ ވިތު ކަރަން" ގެ ނުވަ ވަނަ ސީޒަން ގެނެސްދޭނެ ކަމަށާއި އެކަމަކު އެ ސީޒަން ގެނެސްދޭނީ ވަރަށް މުހިއްމު ބަދަލަކާ އެކީ ކަމަށް ޝޯގެ ހޯސްޓް ކަރަން ޖޯހަރް ބުނެފި އެވެ.
އިންޑިއާގެ ޔޫޓިއުބާއެއް ކަމަށްވާ ސުޗަރީތާ ތިއާގީ އަށް ދިން އިންޓަވިއުއެއްގައި ކަރަން ބުނީ މިދިޔަ އަހަރު ގެނެސްދިން 8 ވަނަ ސީޒަނުގައި ހުރި ފޫހި ކަންތައްތަކާއި ރަނގަޅު ކުރަން ހުރި ކަންތައްތައް ރަނގަޅުކޮށްގެން 9 ވަނަ ސީޒަން ގެނެސްދޭނީ މުހިއްމު ބަދަލުތަކަކާ އެކީގައި ކަމަށެވެ.
އޭގެ މާ ބޮޑު ތަފުސީލަކަށް ނުގޮސް ކަރަން ބުނީ މިދިޔަ އަހަރުގެ "ކޮފީ ވިތު ކަރަން" ގެ ތާރީހުގައި ވެސް އެންމެ ފޫހިކޮށް ރެޕިޑް-ފަޔަ ރައުންޑް ދިޔަ އަހަރު ކަމަށެވެ. އެހެންވެ ސެގްމަންޓުން ވެސް ބަދަލުތަކެއް ފެންނާނެ ކަމަށް ބުންޏެވެ.
ދެހާސް ހަތަރަކުން ފެށިގެން ގެނެސްދެމުން އަންނަ "ކޮފީ ވިތު ކަރަން" ގެ މިދިޔަ އަހަރު ސީޒަން ބެލުންތެރިންނަށް ގެނެސްދިނޫ ޑިސްނީ ޕްލަސް ހޮޓްސްޓާއިންނެވެ. އޭގެ ކުރިން މިއީ ސްޓާގެ ޗެނެލްތަކުން ގެނެސްދިން ވަރަށް މަގުބޫލު ޝޯއެކެވެ.
"ކޮފީ ވިތު ކަރަން" ގެ އެޕިސޯޑްތަކުން އާންމުކޮށް ފުރުސަތު ލިބެނީ ބޮލީވުޑްގެ އެންމެ މަޝްހޫރު ތަރިންނަށެވެ. ވަކިން ހާއްސަކޮށް ކަަރަންއާ ގާތް ގުޅުން އޮންނަ މީހުންނަށެވެ. އޭގެ ތެރޭގައި ރިޕީޓްކޮށް ގިނަ ތަރިން ގެނެސްދީފައިވެ އެވެ. މިކަމާ ހެދި ކަރަން އަށް ފާޑުކިޔުންތައް ވެސް އަމާޒުވެފައިވެ އެވެ.
ބޮލީވުޑްގެ އެންމެ ނުފޫޒު ގަދަ އެއް ޑައިރެކްޓަރު/ޕްރޮޑިއުސަރުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އެވެ. ކަރަން މިހާރު އަންނަނީ އާ ފިލްމަކަށް ވެސް ތައްޔާރީތައްވަމުންނެވެ. އޭނަ ޑައިރެކްޝަނަށް ނުކުތީ 1998 ގެ "ކުޗް ކުޗް ހޯތާ ހޭ" އިންނެވެ.
ކަރަން އަކީ މިހާރު ބޮލީވުޑްގެ އެންމެ ކާމިޔާބު ޕްރޮޑަކްޝަން ހައުސްތަކުގެ ތެރޭގައި ހިމެނޭ ދަރުމާގެ ވެރިޔާ އެވެ.