Last Updated: September 8, 09:48
Sunday, September 8, 2024
ޚަބަރު

ފުޓްބޯޅަ ތަރި ބަކާ ނިޔާވެއްޖެ

މި އަހަރުގެ ހައްޖުގެ އަޅުކަމަށް ފަހު އިއްޔެ ރާއްޖެ އައި ހައްޖާޖީންގެ ތެރޭގައި ހިމެނުނު ގައުމީ ފުޓްބޯޅަ ޓީމަށް ކުރިން ކުޅުނު މަޝްހޫރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ގެ ހާލު ދެރަވެ، އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހަވީރު ނިޔާވެއްޖެ އެވެ.

އެނގިފައިވާ އޭނަ ހޮސްޕިޓަލަށް ގެންދިޔައީ ނޭވާލާން އުނދަގޫވެގެންނެވެ. އަދި އެ މައްސަލަ ދިމާވީ އިންފެކްޝަނެއްގެ ސަބަބުންނެވެ.

އައްޑޫ ހިތަދޫ ނީލްގޭ، ބަކާ، 38، ހައްޖަށް ދިޔައީ ސައުދީ ރަސްގެފާނުގެ ދެއްވި ދައުވަތުފުޅުގެ ތެރެއިން ލިބުނު ފުރުސަތެއްގަ އެވެ.

ގައުމީ ޓީމަށް ވެސް ގިނަ ދުވަސްތަކެއް ވަންދެން ކުޅުނު ބަކާ އަކީ 2008 ވަނަ އަހަރު ރާއްޖެއިން ސާފް ޗެމްޕިއަންޝިޕްގެ ތަށި ނެގި ޓީމުގައި ވެސް ހިމެނުނު ކުޅުންތެރިއެކެވެ. އޭނަ ވިކްޓްރީ، ވެލެންސިއާ، ނިއު ރޭޑިއަންޓް، އީގަލްސް، އައިލޭންށް އެފްސީ އާއި ވީބީ އައްޑޫ އެފްސީގެ އިތުރުން މާޒިޔާ އަށް ވެސް ކުފެފައިވެ އެވެ.

މީގެ އިތުރުން މިއަންމާގެ ޓީމެއް ކަމަށްވާ ކަންބަވްޒާ އެފްސީ އަށް ވެސް 2014 ގައި ބަކާ ކުޅުނެވެ.

އޭނަގެ މަރާ ގުޅިގެން ވަރަށް ގިނަ ބަޔަކު މިހާރު އަންނަނީ ސޯޝަލް މިޑިއާގައި ހިތާމަފާޅު ކުރަމުންނެވެ.