Last Updated: September 8, 06:39
Sunday, September 8, 2024
ޚަބަރު

ހުރިހާ ހައްޖާޖީން ވެސް ވެކްސިން ފުރިހަމަކުރި

ރާއްޖެ އިން މި އަހަރު ހައްޖަށް ދިޔަ ހުރިހާ މީހުން ވެސް ސައުދީގެ ހައްޖު މިނިސްޓްރީގެ ގައިޑްލައިންތަކާ އެއްގޮތަށް ވެކްސިން ފުރިހަމަކުރި ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފި އެވެ.

ރާއްޖެ އިން މި އަަހަރު ހައްޖަށް ދިޔަ މީހުންގެ ތެރެއިން މިދިޔަ ހޯމަ ދުވަހު އެނބުރި އައި ފުރަތަމަ ގްރޫޕްގައި ހިމެނުނު މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު އާރިކް ބަކާ) ހައްޖުން އައި ދުވަހުގެ ރޭ ކުއްލިއަކަށް ބަލިވެ، އެޑްމިޓްކޮށް އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް އިއްޔެ ނިޔާވުމާ ގުޅިގެން ހައްޖު ކޯޕަރޭޝަނުން ނެރުނު ބަޔާނެއްގައި ރާއްޖޭގެ ހުރިހާ ހައްޖާޖީން ވެސް ފުރީ ޓްރެވެކް ވެކްސިންތައް ކަމަށްވާ ޕޯލިއޯ އާއި މެނިންޖެޓައިސްގެ އިތުރުން އިންފުލުއެންޒާގެ ޑޯޒް ފުރިހަމަކޮށްގެން ކަމަށެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ ހައްޖާޖީންގެ ސަލާމަތާއި ރައްކާތެރި ކަމަކީ ކޯޕަރޭޝަންގެ މެނޭޖްމަންޓުން އަބަދު ވެސް އެންމެ ހާއްސަ ސަމާލު ކަމެއް ދޭ ކަންތައް ކަމަށެވެ.

ބަކާ، 38، ނިޔާވީ މެނިންޖެޓިސް ޖެހިގެންނެވެ. އޭނަ މި އަހަރު ހައްޖަށް ދިޔައީ ސައުދީ ރަސްގެފާނުގެ ދެއްވި ދައުވަތުފުޅުގެ ތެރެއިން ލިބުނު ފުރުސަތެއްގަ އެވެ.

ރާއްޖެ އިން މި އަހަރު 1،150 މީހުން ހައްޖަށް ދިޔަ އެވެ.

ހައްޖާޖީންގެ ދެވަނަ ގްރޫޕް ހުކުރު ދުވަހު އަންނަން ހަމަޖެހިފައިވާ އިރު، ތިން ގްރޫޕް އަންނަ މަހުގެ 1 ގައި އަދި ހަތަރު ވަނަ ގްރޫޕް އަންނަ މަހުގެ 4 ގައި އަންނާނެ އެވެ.

ހައްޖުވެރިން އެނބުރި އަންނަ ދުވަސްވަރަކީ ރޯގާ އާއި ހުން ފަދަ ބަލިތައް އިތުރުވާ ދުވަސްވަރެއްކަމުން އެކަމަށް ވީހާ ވެސް ބޮޑަށް ސަމާލުކަން ދޭން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފައިވެ އެވެ.