ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިހާރު އެމެރިކާ އަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކަންއާ ބައްދަލުކުރައްވައިފި އެވެ.
އެ ބައްދަވުމުގައި ދެ ގައުމުގެ ގުޅުން އިތުރު ދާއިރާތަކަށް ފުޅާކުރުމަށް މަޝްވަރާކުރައްވާފައިވެ އެވެ.
ޒަމީރު އެމެރިކާ އަށް ކުރައްވަމުން ގެންދާ ދަތުރުގައި، ވޮޝިންގްޓަންގައި ބްލިންކަންއާ އެކީ ބޭއްވި ބައްދަލުވުމުގައި ދިފާއީ ގުޅުމާއި ޑިމޮކްރަސީ ހަރުދަނާ ކުރުމާއި އިގުތިސާދު ކުރުމާއި މޫސުމީ ބަދަލުތަކަށް ވިލުންވެރިކަން އިތުރުކުރުުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އަދި ރާއްޖެ އާއި އެމެރިކާގެ ގުޅުން އިތުރަށް ފުޅާކޮށް، ބައިނަލްއަގުވާމީ އަދި ސަރަހައްދީ ހަމަޖެހުމާއި މެރިޓައިމް ސެކިއުރިޓީ އާއި ސުލްހަ ދެމެހެއްޓުމުގެ މައްޗަށް ދެ ބޭފުޅުން ވެސް މަޝްވަރާގައި އަލިއަޅުވައިލެއްވި ކަމަށް މިނިސްޓްރީން ބުންޏެވެ.
ބައްދަލުވުމުގައި ބްލިންކަން ވަނީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓަށް ކުރަމުންދާ ނޭދެވޭ އަސަރުތަކާ ދެކޮޅަށް ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ އަދާކުރަމުން އަންނަ ދައުރު ވެސް ފާހަގަކުރައްވައިފަ އެވެ.
މިނިސްޓްރީން ބުނީ މަޝްވަރާގައި ޒަމީރު ވަނީ އެމެރިކާ އިން ދޭ މަތީ ތައުލީމުގެ ފުރުސަތުތައް ފާހަގަކުރައްވައި، ފަސޭހައިން އެމެރިކާ ވިސާ ލިބޭނެ މަގު ފަހިކޮށް ދެއްވުމަށް ބްލިންކެންގެ އަރިހުގައި އެދިވަޑައިގެންފައި ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މިދިޔަ ހޯމަ ދުވަހު އެމެރިކާ އަށް ފެއްޓެވި ދަތުރުގައި ޒަމީރު އިއްޔެ ވަނީ ޔޫއެސްއެއިޑްގެ އެޑްމިނިސްޓްރޭޓަރު ސަމަންތާ ޕަވާއާ ބައްދަލުކުރައްވައި އިގުތިސާދީ ކުރިއެރުމާއި ތިމާވެށި ހިމާޔަތްކުރުން އަދި މުއައްސަސާތައް ހަރުދަނާކުރުމަށް އެ އޭޖެންސީގެ އެހީ އިތުރުކުރަން މަޝްވަރާ ކުރައްވައިފަ އެވެ.
ވޮޝިންގްޓަންގެ ދަތުރުގެ ތެރެއިން، ފޮރިން މިނިސްޓްރީން ބުނި ގޮތުގައި ކައުންސިލް އޮފް ފޮރިން ރިލޭޝަންސްގެ މަޝްވަރާ ބައްދަލުވުމެއްގެ އިތުރުން، އެ ސިޓީގައި ދިރިއުޅޭ ދިވެހިންނާ ޒަމީރު ބައްދަލު ކުރައްވާނެ އެވެ. އަދި އޭގެ ފަހުން އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް އާއި އެ ޖަމިއްޔާގެ ބައެއް އިސްވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
މާދަމާގެ ނިޔަށް ޒަމީރު އެމެެރިކާ އަށް ކުރައްވާ ދަތުރުގައި ރާއްޖޭގެ ޓޫރިޒަމް ފުޅާކުރުމާ ގުޅޭގޮތުން ނިއު ޔޯކްގެ އިސް ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޑްވައިޒަރުންނާ މިނިސްޓަރު ބައްދަލުކުރައްވަން ހަމަޖެހިފައިވެ އެވެ. އަދި ނިއު ޔޯކްގައި ދިރިއުޅޭ ދިވެހިންނާ ވެސް ބައްދަލު ކުރައްވާނެ އެވެ.
މިނިސްޓަރު އެމެރިކާ އަށް ވަޑައިގެންނެވީ ހޯމަ ދުވަހު އެވެ.