އެމްޑީޕީ އަކީ އަބަދު ވެސް ދިވެހިންނަށް އުންމީދެއް ކަމަށާއި މިއީ އެ ޕާޓީ އަށް 19 އަހަރު އަހަރު ފުރުނު އިރު، ޒުވާންކަމުގެ ޖޯޝާ އެކީ ހަރުދަނާ ޒިންމާދާރު ހިތްވަރުގެ ޖޯޝަށް މިސްރާބު ސީދާ ކުރަންވީ ވަގުތު ކަމަށް އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ފޭސްބުކް ޕޯސްޓެއްގައި ކުރީގެ ފޮރިން މިނިސްޓަރު ވިދާޅުވީ އެމްޑީީޕީ މިހާރު އޮތީ ކޮންމެ ގޮތެއް ވަރިހަމަ ނުވެވޭނެ އުމުރުގައި ކަމަށާއި ވާނެ އެއްޗެއް ވާން ދޫކޮށްނުލެވޭނެކަމުގެ ފިޔަވަޅު މަތީގައި ކަމަށެވެ.
"އެމްޑީޕީ އަކީ ދިވެހި ރައްޔިތުންގެ އުންމީދު. ފާރަވެރި ވާދަވެރި ސިޔާސީ ނިޒާމެއްގެ އަލި ދަންމަރު،" ޝާހިދު ވިދާޅުވި އެވެ. "ދިވެހިރާއްޖޭގެ އިޖުތިމާޢީ، އިޤްތިޞާދީ އަދި ސިޔާސީ ވެށީގެ ރައްކާތެރި މީޒާން."
އޭނަ ވިދާޅުވީ އެމްޑީޕީ އަކީ ޢާންމު ރައްޔިތުންގެ ހަމައިގައި ހަމަހަމަ ފުރުޞަތު އޮންނަ ނޫ އިޤްތިޞާދަކާއި، ޖީލުތައް ރައްކާތެރިވާނެ ތިމާވެށި ޙިމާޔަތް ދިރިއުޅުމެއް ދިވެހިންނަށް ހޯދައި ދިނުމީ އުފާވެރި ދިވެހި ރާއްޖެއެއްގެ އަސާސް ކަމަށެވެ.
"މާތްވެގެންވާ އިސްލާ މްދީނުގެ ތަރުބިއްޔަތާއި، ޒަމާނީ ޑިމޮކްރެޓިކް މުޖުތަމަޢެއްގެ ސިފަތައް ދައުލަތުގެ އެންމެހައި ބަހާތަކުން ފެންނަކަން ކަށަވަރު ކުރުމަކީ މި ޕާޓީގެ އަމާޒެއް." ޝާހިދު ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ ދޮގާއި މަކަރާއި އޮޅުވާލުމުގައި ދިވެހިން މަކުޑިއަޅުވައި ބަންދުކޮށް، ހުއްޓުވިދާނެ ކަމަށް އެއްވެސް ބަޔަކު ޤަބޫލު ކުރާނަމަ އެ ކުރެވެނީ ވަރަށް ބޮޑު ކުށް ހީއެއް ކަމަށާއި. ދިވެހިންނަކަށް ކޮންމެ ގޮތެއް ވަރިހަމަ ވާނެ ބައެއް ނޫން ކަމަށެވެ.
"އެމްޑީޕީއަކަށް ކޮންމެ ގޮތެއް ވަރިހަމަ ނުވާނެ." ޝާހިދު ވިދާޅުވި އެވެ.
އެމްޑީޕީ އަށް 19 އަހަރު ފުރުނު އިރު، ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އެ ޕާޓީ މިހާރު އޮތީ ވަރަށް ބޮޑަށް ބަލިކަށިވެފަ އެވެ. އެކަމަކުގެ ހެއްކަކީ މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބާއި މި އަހަރު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ލިބުނު ބޮޑު ނާކާމިޔާބީ އެވެ.
އަހަރީ ދުވަހާ ގުޅިގެން މާލޭގައި ހުންނަ އެމްޑީޕީ އޮފީހުގައި މިއަދު ހަވީރު ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވަން ވަނީ ނިންމައިފަ އެވެ. އެއީ 4:30 ގަ އެވެ.