ފެނަކަ ކޯޕަރޭޝަން ހިންގުމުގެ މައްސަލަތަކާ ހެދި ހިދުމަތްތަކަށް ބުރޫ އަރާތީ އެކަން ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުުގެ މިއަދުގެ ޖަލްސާ އަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
އެ މައްސަލަ ހުށަހެޅުއްވީ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމްދީދީ އައިބީ) އެވެ.
އޭނަ ހުށަހެޅި ކުއްލި މައްސަލަ ބަލައިގަތުމަށް ފާސްވި އިރު، މިއަދު އެޖެންޑާގައި ބަހުސް ކުރާނެ އިތުރު މައްސަލައެއް ނެތުމުން މެންބަރުން ބަހުސްކޮށް ނިމެންދެން ކުއްލި މައްސަލައިގެ ބަހުސް ކުރިޔަށް ގެންދަން ފާސްކޮށްފައިވެ އެވެ.
އައިބީ ވިދާޅުވީ ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށް ދޭ ފެނަކަ ކުންފުނި ހިންގުމުގައި އެކި ސަރުކާރުތަކުން އިސްކޮށްފައިވާ ފަރާތްތަކުގެ އިހުމާލުން ކުންފުންޏަށް ލިބިފައިވާ ގެއްލުންތަކާ ގުޅިގެން އާންމުންނަށް ދޭ ހިދުމަތްތަކަށް ބުރޫއަރައި، ފޫނުބެއްދޭ ވަރުގެ ގެއްލުންތައް ލިބެމުންދާ ކަމަށެވެ. އޭނަ ވިދާޅުވީ ކުރީ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ފެނަކަގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދުގެ ބެލުމުގެ ދަށުން ދަތުރުފަތުރަށް އެކަނި 100 މިލިއަން ހަރަދުކޮށްފައިވާ ކަމަށެވެ. އެވެ. އަދި ޖެނަރޭޓަރުތައް ސާވިސް ކުރަން 100 މިލިއަން ރުފިޔާ އާއި 60 މަޝްރޫއެއް ހިންގަން ވެސް އެ އަދަދަށް ފައިސާ ހަރަދުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
އެކަމަކު ފައިސާ އަށް ވީނުވީ ގޮތެއް އެނގެން ނެތް އިރު މަޝްރޫއެއް ނިމިފައި ނެތް ކަމަށް ވެސް އައިބީ ވިދާޅުވި އެވެ.
އަދި ފެނަކަ އިން އެސްޓީއޯ އަށް ދެ ބިލިއަން ދައްކަން ޖެހޭ އިރު 2019 އިން ފެށިގެން އެންމެ ފައިސާއެއް ވެސް ނުދައްކާ ކަމަށް ވެސް ވިދާޅުވި އެވެ. އޭނަ ވިދާޅުވީ މި ސަރުކާރުން އެ ފައިސާތައް ބަރާބަރަށް ދައްކަން ފަށާފައިވާ ކަމަށާއި އެހެން ފަރާތްތަކަށް ފައިސާ ދިނުން ދަތިވަނީ އެ ސަބަބާ ހުރެ ކަމަށެވެ.
އައިބީ ވިދާޅުވީ އޭނަގެ ކުއްލި މައްސަލައިގެ ބޭނުމަކީ ރައްޔިތުންނާއި ގައުމުގެ މަސްލަހަތު ސީދާ އަސަރު ކުރާ ބޮޑު މައްސަލައަކަށްވާތީ ސަރުކާރުގެ ސަމާލު ކަމަށް ގެނައުމާއި ސަރުކާރުން އަޅަން ގަސްތުކުރާ ފިޔަވަޅުތަކަކީ ކޮބައިކަން ދެނެގަތުމަށް ހުށަހެޅުއްވި މައްސަލައެއް ކަމަށެވެ.