Last Updated: November 25, 22:26
Monday, November 25, 2024
ޚަބަރު

އިގުތިސާދު އޮތް ގޮތުން ކަންކަން ކުރަން ވަގުތު ނަގާނެ

ރާއްޖޭގެ އިގުތިސާދީ ހާލަތު ވެސް މިހާރު އޮތް ގޮތުން ރައްޔިތުން އެންމެ ބޭނުންވާ ކަންކަންވުމަށް ވަގުތު ނަގާނެ ކަމަށާއި އެކަމަކު މި ސަރުކާރަކީ ވި ވައުދުތައް ފުއްދާނެ ސަރުކާރެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ އުތުރު ދާއިރާބެ މެންބަރު އިސްމާއީލް ނިޒާރު ވިދާޅުވެއްޖެ އެވެ.

ވެރިކަން ކުރާ ކޯލިޝަންގެ ޕީއެންސީގެ ހަރުގޭގައި ސިލްސިލާކޮށް ބާއްވަން ފެށި ހަރުގެ ޖަލްސާތަކުގެ ތެރެއިން ފުރަތަމަ ޖަލްސާގައި ރޭ ވާހަކަ ދައްކަމުން އޭނަ ވިދާޅުވީ މި ސަރުކާރަކީ ރައްޔިތުންނަޓަކައި ރައްޔިތުންގެ މަސައްކަތެއް ކުރަން އޮތް އިހުލާސްތެރި ސަރުކާރެއް ކަމަށެވެ.

އެހެން ކަމުން ރައްޔިތުންނަޓަކައި ސަރުކާރުން އަބަދު ވެސް މަސައްކަތް ކުރާނެ ކަމަށާއި އެ ޔަގީންކަން އޮތް ކަމަށް ވިދާޅުވި އެވެ. އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ނިޒާރު ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަކީ މަސްވެރިންނާއި އެ ނޫން ސިނާއަތްތަކުގައި މަސައްކަތްކުރާ މަސައްކަތްތެރިންގެ ވެސް އަޑު އަހާނެ ސަރުކާރެއް ކަމަށާއި އެކަމަކަށް ގެނެވެން އޮތް އެންމެ އަވަސް ހައްލެއް ވެސް ގެންނާނެ ކަމަށެވެ.

ނަމަވެސް ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ ރާއްޖޭގެ ހާކަތު މިހާރު އޮތް ގޮތުން ކޮންމެ ކަމަކަށް ބޭނުން ވެފައި ތިބޭއިރު، އެކަމެއް އެ ބޭނުންވާ ގޮތަށް ހަލުވި ސްޕީޑުގައި ކަންކަން ނުވާނެކަ ގަބޫލު ކުރުން ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ ކަމަކަށް ބޭނުން ވެގެން އަޅުގަނޑުމެން ތިބޭއިރު، ކޮންމެ ކަމެއް އެއީ އަޅުގަނޑުމެން އެ ބޭނުންވާހާ އެންމެ ހަލުވި ސްޕީޑުގައި އަންނާނެ ކަމެއް ނޫންކަން،" ނިޒާރު ވިދާޅުވި އެވެ. "އަދި އަމުދުން ދިވެހި ރާއްޖޭގެ ހާލަތު މިވަގުތު މިގޮތަށް އޮވެމެ، އަޅުގަނޑުމެން އެންމެން މި ބޭނުންވާ ހުރިހާ ކަންތައްތަކެއް، ވަޒީފާގެ ފުރުސަތުތަކާއި ބޭނުންވާ ހުރިހާ ކަންތައްތަކެއް އޭގެ އެންމެ ފުރަހަމަ ގޮތުގަ އެއްފަހަރާ ކުރެވުން އެއީ ކުރެވޭނެ ކަމެއް ނޫން."

އޭނަ ވިދާޅުވީ ހަލާކުވެފައި އޮތް އިގްތިސާދު ކޮޅަށް ޖަހަން ވަގުތު ނަގާނެ ކަމަށެވެ. އަދި މި ސަރުކާރުން މަސައްކަތް ކުރަނީ ފައިސާ ޗާޕުކޮށްގެން ނޫން ކަމަށާއި މަސައްކަތް ކުރަނީ ލިބޭ އެއްޗަކުން ކުރިއަށް ދިއުމަށް ކަމަށް ވިދާޅުވި އެވެ.

"އެހެން ކަމުން ހުރިހާ ރައްޔިތުން ވެސް އެމަނިކުފާނަށް އެއްބާރުލުން ދެއްވަން ޖެހޭ." ނިޒާރު ވިދާޅުވި އެވެ.