މި ސަރުކާރުން މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތުގައި ސަރުކާރުގެ އަމާޒަކީ އެވިޑެންސް ބޭސްޑް ސްޓްރެޓެޖީތަކާއި ތައުލީމާއި ކޮމިއުނިޓީ ޕާޓްނާޝިޕްގެ ޒަރިއްޔާއިން މަސްތުވާތަކެތީގެ ޑިމާންޑް ކުޑަކުރުން ކަމަށް ނޭޝަނަލް ޑްރަގް އެންޑީއޭ) ގެ އާ ބޯޑުން ބުނެފި އެވެ.
އެ ބޯޑުން ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުގެ އަމާޒަކީ މަސްތުވާތަކެތީގެ ޑިމާންޑް ކުޑަކޮށް، ކުށުގެ ނެޓްވޯކްތައް ނައްތާލައި، ކަމުގެ އަސްލަށް ވާސިލްވުން ކަމަށެވެ. އަދި އެންމެން ގުޅިގެން ކުރާ މަސައްކަތުން މުޖުތަމައަށާއި ރައްޔިތުންނަށް އަމާން، ދުޅަހެޔޮ މުސްތަޤްބަލެއް ޤާއިމުކޮށް ދިނުންކަން މަސައްކަޔް ކުރުން ކަމަށް އެންޑީއޭ އިން ބުންޏެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ އެންމެހާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ވަރުގަދަ ކުރުމަށްޓަކައި އެންޑީއޭއިން މަސްތުވާތަކެތީގެ ފަރުވާދެވޭ މީހުންނަށް ދެމުން ގެންދިޔަ ފަރުވާތަކުގެ އިތުރުން މެޑިކަލް ފަރުވާ ހިމެނުމާއި، ރެސިޑެންޝަލް ފަރުވާ އަށް ފަސޭހައިން ދެވޭނެ އިންތިޒާމުތައް އެކުލަވާލާ، މާލެ އާއި ރާއްޖޭގެ އެކި ރަށްރަށުގައި މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް އައުޓްރީޗްކޮށް ފަރުވާއަށް ގެނައުމަށްޓަކައި އަވަސް ޙައްލެއް ހޯދުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށައިފަ އެވެ.
ބަޔާނުގައި ބުނީ މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރުމަށްޓަކައި ޕްރިވެންޝަންގެ މަސައްކަތްތަކަށް ކުރާ ހޭދަ ބޮޑުކޮށް، ޕްރިވެންޝަންގެ މަސައްކަތްތައް އެކިއެކި އުމުރުފުރާއަށް ޓާގެޓްކޮށްގެން ޤައުމީ ފެންވަރުގައި ކުރުމުގެ މަސައްކަތްތައް ރޭވިގެން ކުރަމުންކަން އަންނަ ކަމަށެވެ.
އަދި ރިކަވަރީގައި ތިބި މީހުންނަށް އާފްޓަކެއަރގެ ޚިދުމަތްތައް ފަށައިގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށާއި ސިވިލް ސޮސައިޓީއާއެކު ވަރުގަދަ ޕާޓްނަޝިޕެއް އުފައްދައި، ކޮމިއުނިޓީތަކަކީ މަސްތުން ސާފު ތަނަކަށް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް އެންޑީއޭ އިން ބުންޏެވެ.
"މަސްތުވާތަކެތީގެ ވަބާ އާއި މި ވަބާގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ދެނެގަނެ، މަސްތުވާތަކެތީގެ ވަބާއިން ރައްކާތެރިވުމަށާއި، ނަހަމަ ގޮތުގައި ޑްރަގު ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމާއި، އެފަދަ ފަރާތްތައް މުޖުތަމަޢަށް އަލުން ގެނައުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން އެންޑީއޭ އިން ދެން." ބަޔާނުގައި ބުންޏެވެ.