Last Updated: September 8, 06:17
Sunday, September 8, 2024
ޚަބަރު

ސަކެޕް ރިޕޯމްކުރަން ރާއްޖެ އިން ގޮވާލައިފި

ސައުތު އޭޝިއާ ކޯޕަރޭޓިވް އެންވަޔަރަންމަންޓް ޕްރޮގްރާމް (ސަކެޕް) ޒަމާނާ ގުޅޭގޮތަށް ރިފޯމްކޮށް، މިހާރަށް ވުރެ ހަރުދަނާ ކުރުމަށް މަގު ޗާޓެއް އެކުލަވާލުމަށް ރާއްޖެ އިން ގޮވާލައިފި އެވެ.

ބޫޓާންގައި ބޭއްވި ސަޕެކްގެ 16 ވަނަ ގަވަނިން ކައުންސިލް ބައްދަލުވުން ނިންމާލުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ރާއްޖޭގެ ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހީމް ވިދާޅުވީ މޫސުމީ ބަދަލުތަކުން ދިމާވާ ނުރައްކާތަކާ ކުރިމަތިލުމުގައި ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން ވަރުގަދަ ކުރުން ވަރަށް މުހިއްމު ކަމަށެވެ.

އެގޮތުން ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވާ މޫސުމީ ގޮންޖެހުންތަކަށް ތައްޔާރުވެ އެކަމަށް އަވަސް ފިޔަވަޅު އެޅުމަކީ ޤައުމުގެ ތިމާވެށި ރައްކާތެރިކުރުމަށް ލިބޭ ފުރުސަތެކެވެ.

އެހެންވެ ސަކެޕްގެ އުސޫލުތައް ހަރުދަނާކޮށް އަލުން އެކުލަވާލުމަށް މިނިސްޓަރު ތޯރިގް ގޮވާލެއްވި އެވެ.

"ޤައުމުތަކުގެ ސަރަޙައްދީ ބޭނުންތަކާއި ކަންބޮޑުވުންތަކަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން، ސަރަޙައްދީ ތިމާވެށީގެ ޖަމިއްޔާއެއް ގޮތުގައި ސަކެޕް ވެފައިވާއިރު، އެ ބަދަލުތަކަށް ފުރިހަމައަށް ތައްޔާރުވާން ޖެހޭ. އެހެންކަމުން، ޕްރޮއެކްޓިވް ރޯލްތައް އަދާކުރުމުގަޔާއި، ބައިނަލްއަޤްވާމީ ޕްލެޓްފޯމްތަކުގައި އިސްވެ ތިމާވެށީގެ މައްސަލަތަކަށް އަޑުއުފުލާ މަސައްކަތް ކުރެވޭނެ ޖަމްއިއްޔާއަކަށް ސަކެޕް ހެދުމަށްޓަކައި އުސޫލުތައް އިސްލާހުކޮށް ރީސްޓްރަކްޗަ ކުރުމަކީ މުހިއްމުކަމެއް ކަމުގައި އަޅުގަނޑު މި ފުރުޞަތުގައި ފާހަގަކޮށްލަން،" މިނިސްޓަރު ވިދާޅުވި އެވެ. "އެހެންކަމުން މި ޒަމާނާ ގުޅޭ ގޮތަށް ސަކެޕް އިސްލާހުކޮށް، މިހާރަށްވުރެ ހަރުދަނާ ކުރުމަށް މަގު ޗާޓެއް އެކުލަވާލުމަށް، ހުރިހާ މެންބަރު ޤައުމުތަކަށްވެސް އަޅުގަނޑު އިލްތިމާސްކުރަން."

މިނިސްޓަރު ވިދާޅުވީ ރާއްޖެ އަށް މޫސުމީ ބަދަލުތަކުން ދިމާވާ ޢާންމު ކަންކަމަށް ބަލާއިރު، ޖައްވު ހޫނުވުމާއި، ކަނޑުގެ ލޮނުގަނޑު އުފުލުމާއި، ވަޔާއި ފެން ތަޣައްޔަރު ވުމާއި، ރަށް ގިރުން ފަދަ މައްސަލަތައް ހިމެނެ އެވެ.

މިފަދަ މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާކޮށް އެކި ޤައުމުތަކުގެ ޚިޔާލު ބަދަލުކުރުމަށާއި ސަކެޕްގެ މެންބަރު ޤައުމުތަކުން ރާއްޖެއަށް ކުރިމަތިވާ މޫސުމީ ގޮންޖެހުންތައް ކުޑަ ކުރުމުގައި މަސައްކަތްކޮށް އެހީތެރިވެ ދިނުމަށް ގޮވާލެއްވި އެވެ.

ތޯރިގް ވިދާޅުވީ އެފަދަ މައްސަލަތައް މަދުކުރުމަށް އަޅަމުން ސަރުކާރުން އަޅަމުން އަންނަޅުތައް ވެސް ހިއްސާ ކުރައްވައިފަ އެވެ. އެގޮތުން ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއް ކަމުގައިވާ ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ސަަކެޕް އަކީ 1987 އިން ފެށިގެން ސަކެޕްގެ މެންބަރު ޤައުމުތަކުގެ އިތުރުން އެކުވެރި ދައުލަތްތަކުގެ އެހެނިހެން އިދާރާތައް ހިމެނޭ ގޮތަށް ތިމާވެށީގެ ދާއިރާއާ ގުޅޭ މަޝްވަރާތައް ކުރުމަށް ބޭއްވޭ މުހިއްމު ބައްދަލުވުމެކެވެ.

މި އަހަރުގެ ބައްދަލުވުން ކުރިއަށް ދިޔައީ މި މަހުގެ 24-26 އަށެވެ.