ފިލްމީ ކެެރިއަރުގެ މިހާތަނަށް އައި އިރު، ކުޅުނު ފިލްމުތަކުގެ ތެރޭގައި ކުޅެން ނުޖެހޭ ކަހަލަ ފިލްމުތަކެއް ކުޅެވިފައިވާ ކަމަށް ގަބޫލުކުރާ ކަމަށް ބޮލީވުޑްގެ ބަތަލާ ޕަރިނީތީ ޗޯޕްޅާ ބުނެފި އެވެ.
މިހާތަނަށް މާ ބޮޑު ކުރިއެރުމެއް ހޯދިފައި ނުވާ 35 އަހަރުގެ ބަތަލާ "އިންޑިއާ ޓުޑޭ" ގައި ވާހަކަ ދައްކަމުން ބުނީ ފިލްމުތައް ގަބޫލު ކުރުމުގައި ކުރިން ރަނގަޅު ނޫން އުސޫލުތަކަކަށް އަމަލު ކުރެވިފައިވާ ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި އޭގެ ސަބަބުން އަމިއްލަ ނަފުސު ގަބޫލުނުކުރާ ކަހަލަ ފިލްމުތަކެއް ކުޅެވިފައިވާ ކަމަށް މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާއާ ދެބޭންގެ ދެދަރި ޕަރިނީތީ ބުންޏެވެ.
"އެހެންވެ ގަބޫލު ކުރަން އަދިވެސް އަހަރެން ޕްރޮޖެކްޓަކަށް އެއްބަސްވާ އިރު ވަރަށް ބޮޑަށް ހޯމްވޯކް ހަދަން ޖެހޭ ކަމަށް." މިދިޔަ އަހަރު އިންޑިއާގެ ސިޔާސީ މީހަކާ ކައިވެނިކުރި ބަތަލާ ބުންޏެވެ.
ޕަރިނީތީ ބުނި ގޮތުގައި އޭނަގެ ކެރިއަރުގައި މިހާތަނަށް ކުޅެވުނު އެންމެ ހިތްހަމަޖެހޭ ފިލްމަކީ އެޕްރީލްގައި ނެޓްފްލިކްސް އިން ޕްރީމިއާކުރި ޑައިރެކްޓަރު އިމްތިއާޒް އަލީގެ "އަމަރު ސިންގް ޗަމްކީލާ" އެވެ. އަދި އެ ފިލްމުގެ ތަޖުރިބާ އަކީ ކެރިއަރުގެ އެންމެ ހިތްގައިމު ތަޖުރިބާ ކަމަށް ވެސް ބުންޏެވެ.
"އެ ފިލްމުގައި އަހަރެން ކޮށްފައި ހުރި މަސައްކަތަށް ބެލުންތެރިން ތައުރީފު ކުރީމަ އަސްލު ވަރަށް ބޮޑު މޯޓިވޭޝަނެއް ވެސް ލިބުނު." ޕަރިނީތީ ބުންޏެވެ.
މިހާރު މިއުޒިކަށް ވަރަށް ބޮޑަށް ފޯކޮސްފައިވާ ބަތަލާ ބޮލީވުޑަށް ނުކުތީ 2011 ގެ "ލޭޑީސް ވާސަސް ރިކީ ބާލް" އިންނެވެ. އޭގެ ފަހުން އޭނަ ކުޅުނު ފިލްމުތަކުގެ ތެރޭގައި ބެލުންތެރިންގެ މެދުގައި މާ ހާއްސަވި ފިލްމެއް ނެތެވެ.