ރާއްޖެ އިން އަލަށް ފެނުނު މެނިންގޯކޮކަލް ބަލީގެ ކޭހާ ގުޅިގެން 46 ކޮންޓެކްޓުން ފާހަގަކުރެވިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
ރާއްޖެ އިން ފެނުނު އެ ބަލީގެ ފުރަތަމަ މީހަކީ މިދިޔަ އަންގާރަ ދުވަހު ނިޔާވި ރާއްޖޭގެ ފުޓްބޯޅަ ތަރި މުހައްމަދު އާރިފު (ބަކާ) އެވެ. އޭނަ ނިޔާވީ ހައްޖުގެ އަޅުކަމަށް ފަހު، ރާއްޖެ އައިތަނާ ކުއްލިއަކަށް ބަލިވެ، އޭޑީކޭގައި އެޑްމިޓްކޮށް އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ.
ރާއްޖެ އިން ފެނުނު މެނިންގޯކޮކަލް ކޭހާ ގުޅޭ ގޮތުން އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އިބްރާޙިމް އަޝްރަފް ޕީއެސްއެމްގައި ވިދާޅުވީ އެ ކޭހާ ގުޅިގެން އެޗްޕީއޭއިން އަވަސް ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އެގޮތުން މިންގަނޑާ އެއްގޮތަށް ކޮންޓެކްޓް ޓްރޭސިން ހަދައިު، އެ ކޭހާ ގުޅުންހުރި ހުރިހާ ކޮންޓެކްޓުން މިހާރު ދެނެގަނެފައިވާ ކަމަށް ވިދާޅުވި އެވެ.
އަޝްރަފު ވިދާޅުވީ ބަލީގެ ބެކްޓީރިއާ ފެތުރުނަ ނުދިނުމަށް ދޭ އެންޓިބައޮޓިކް ޕްރޮފެލެކްޓިކް ބޭސް ދީ ބަލި ފެތުރުމަށް އޮތް ފުރުޞަތު ނައްތާލާފައިވާ ކަމަށެވެ.
"މި ކޭސްއާ ގުޅިގެން ސާޅީސް ހަ ކޮންޓެކްޓުން އައިޑެންޓިފައި ކުރެވިފައި ވަނީ. އިތުރު ނުވާނެ ކަމަށް ލަފާކުރެވެނީ." އޭނަ ވިދާޅުވިއެވެ.
އަޝްރަފް ވިދާޅުވީ ބަލީގެ ބޭހާއި ވެކްސިނަކީ އާއްމުކޮށް ހުޅުވާލައިގެން ދޭ ބޭހެއް ނޫން ކަމަށްވާތީ ބޭސް ދޭނީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަވާ މީހުންނާއި އަދި އެކަމަށް ޑޮކްޓަރުން ދޭ އިރުޝާދުދޭ މީހުންނަށް ކަމަށެވެ.
އެޗްޕީއޭ އިން ވަނީ މެނިންގޯކޮކަލް ބަލީގެ ކޭހާ ގުޅިގެން ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވުނު މީހުން، ބަލި ނުފެތުރޭނެ ގޮތަށް ދީފައިވާ އިރުޝާދާ އެއްގޮތަށް ޢަމަލު ކުރުމަށް ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
މެނިންގޯކޮކަލް ބަލީގެ އަލާމާތްތަކުގެ ތެރޭގައި ގަދަޔަށް ހުން އައުމާއި ބޮލުގައި ރިއްސުމާއި މޭނުބައިކޮށް ހޮޑުލެވުމާއި ވާނުވާ ނޭނގުމާއި ހަށިގަނޑުގައި ރަތް ބިހި ނުވަތަ ލައްތަކެއް ނެގުން ފަދަ ކަންކަން ހިމެނެ އެވެ. މިއިން އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ވީހާ ވެދް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭ އިން އިލްތިމާސްކޮށްފައިވެ އެވެ.