ޗައިނާ ފަދަ ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ކުރިއެރުމުން ކުދި ގައުމުތަކަށް ވެސް ފައިދާ ކުރާނެކަން ރާއްޖެ އާއި ޗައިނާއާ ދެމެދު އޮންނަ އޮންނަ ގުޅުމާއި އެއްބާރުލުމުން ސާބިތުވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސަޢީދު ވިދާޅުވެއްޖެ އެވެ.
މި މަހުގެ 25 އިން މިއަދުގެ ނިޔަލަށް ޗައިނާގައި ކުރިއަށް ގެންދާ "15 ވަނަ ސަމާ ޑާވޯސް ފޯރަމް" ގައި ބައިވެރިވެ ވަޑައިގަތުމަށް އެ ގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ބެއިޖިން ޑެއިލީ އަށް ދެއްވި އިިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ ޗައިނާ އަކީ ރާއް ޖެއަށް އެންމެ ޓޫރިސްޓުން މިހާރު ދާ ގައުމު ކަމަށާއި ޗައިނާގެ އިތުރު ސިޓީތަކުން ރާއްޖެއަށް ސީދާ ދަތުރުތައް ފަށާފައިވާތީ އެކަމުގެ ސަބަބުން ޓޫރިޒަމާއި ވިޔަފާރިއަށް ހެޔޮ ކުރިއެރުމެއް ލިބެމުން އަންނަ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި އިންވެސްޓްކޮށް އިމާރާތްކުރާ ޗައިނާގެ ގިނަ ވިޔަފާރިތަކެއް ވެސް މިހާރު އެބަހުރި ކަމަށާއި ރާއްޖެ ފަދަ ކުދި ގިނަ ގައުމުތަކުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށްޓަކައި އުމްރާނީ ތަރައްގީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށާއި މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގައި އެ ގައުމުތަކުގެ ރެޒިލިއަންސް ހަރުދަނާ ކުރުމަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ޗައިނާ އިން އެހީތެރިވެ ދެމުން އަންނަ ކަމަށެވެ.
އެހެންވެ ރާއްޖެ ފަދަ ގައުމަކަށް ޗައިނާގެ އެއްބާރުލުމާއި އެހީތެރިކަން ވަރަށް މުހިންމު ކަމަށާއި ރާއްޖެ އަކީ ވަރަށް ކުޑަ އިގުތިސާކަށްވެފައި ޗައިނާއަކީ ދުނިޔޭގައި އޮތް އެންމެ ބޮޑު އެއް އިޤްތިޞާދުކަން މިނިސްޓަރު ސައީދު ފާހަގަކުރެއްވި އެވެ.
އޭނަ ވިދާޅުވީ ރާއްޖެއަކީ ކުޑަ ގައުމަކަށް ވިޔަސް އިންޑިއާ ކަނޑުގެ މެދުގައި އޮންނަ ކަނޑުގެ ބާރަކީ ވެސް، އިރުމައްޗާއި ހުޅަނގު ގުޅާލުމުގެ މުހިންމު ރޯލެއް އޮތް، ނުހަނު ފުދުންތެރިކަން ބޮޑު ގައުމެއް ކަމަށެވެ.
ޗައިނާގެ ވެރިރަށް ބެއިޖިންއަށް އިޝާރާތް ކުރައްވައި އެކުވެރި، ފެހި، ސާފު އަދި ހިތްގައިމު މި ސިޓީ ވަރަށް ކަމުދާ ކަމަށެވެ. އެގޮތުން ބެއިޖިންއަށް ޒިޔާރަތްކުރައްވާ ކޮންމެ ފަހަރަކު ތަފާތު ރެސްޓޯރެންޓްތަކުން މީރު ކެއުންތަކުގެ ރަހަ ބައްލައި، ބެއިޖިންގެ މެހެމާންދާރީގެ އުފާ ލިބިގަތުމުގެ ފުރުސަތު ލިބިވަައިގަންނަވާ ކަމަށް ވިދާޅުވި އެވެ އެވެ.
"އަޅުގަނޑު އުންމީދު ކުރަން، ތިޔަބޭފުޅުން ރާއްޖެ ވަޑައިގެން، ރާއްޖެއާ ބެހޭ ގޮތުން ވާހަކަތައް ދެއްކެވުމަށް،" މިނިސްޓަރު ވިދާޅުވި އެވެ. "ރާއްޖެ އަށް އިތުރު އެއްބާރުލުމާއި ތަރައްގީ ބޭނުންވާ އިރު، އުންމީދަކީ ޗައިނާގެ އިތުރު ފަތުރުވެރިން ޒިޔާރަތްކޮށް، ޗައިނާގެ އިތުރު ވިޔަފާރިތަކުން ރާއްޖޭގައި އިންވެސްޓް ކުރުން."