ޕާކިސްތާންގައި ވެސް މި ދުވަސްކޮޅު އާދަޔާހިލާފަށް ހޫނު ގަދަވެ މީހުން މަރުވަމުންދާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ބުނީ އެންމެ ހޫނު ގަދައީ ދެކުނު ޕާކިސްތާންގައި ކަމަށެވެެ. ގަދަ ހޫނަށް ކެތްނުވެގެން މީހުންގެ ފުރާނަ ގެއްލެމުންދާ އިރު، ކަރާޗީން ފާއިތުވި ހަ ދުވަހުގެ ތެރޭގައި 568 މީހަކު މަރުވެފައިވެ އެވެ. އަދި މިދިޔަ އަންގާރަ ދުވަހު އެކަނި ވެސް 141 މީހަކު މަރުވެފައިވާ ކަމަށް މީޑިއާތަކުން ބުނެފައިވެ އެވެ.
ދެކުނު ޕާކިސްތާނުގެ ހޫނުމިން މި ދުވަސްވަރު އެވްރެޖްކޮށް އުޅެނީ 40-49 ޑިގްރީ ސެލްޝިއަސްއާ ދެމެދު އެވެ.
ހޫނު ގަދަވުމުގެ ސިއްހީ ތަފާތު އެކި މައްސަލަތައް ދިވާމުންދާތީ މި ދުވަސްވަރު ގިނަ ބަޔަކު ހޮސްޕިޓަލަށް ގޮސް ފަރުވާ ހޯދަމުން އަންނަ ކަމަށް ވެސް ޕާކިސްތާންގެ މީޑިއާތަކުން ބުންޏެވެ. އެގޮތުން މިދިޔަ އާދިއްތަ ދުވަހުން ފެށިގެން އިއްޔެއާ ހަމައަށް އެކަނި ވެސް ސިވިލް ހޮސްޕިޓަލް ކަރާޗީގައި 267 މީހަކު އެޑްމިޓްކޮށްފައިވެ އެވެ. މީގެ ތެރޭގައި ގިނައީ ހީޓްސްރޯކް ޖެހުނު މީހުންނެވެ. އަދި ބަލިވާ މީހުންގެ ތެރޭގައި ގިނައީ 60 އަހަރުން މަތީގެ މީހުންނެވެ.
ހޫނު ގަދަވުމުގެ ސަބަބުން ޕާކިސްތާނުން މަރުވި މީހުންގެ އަދަދު މިހާރު 700 އަށް އަރަ އެވެ.
ޕާކިސްތާންގެ އަވަށްޓެރި އިންޑިއާގައި ވެސް ފާއިތުވި ތިން މަހެއްހާ ދުވަހު އާދަޔާހިލާފަށް ހޫނު ގަދަވެ، މީހުން މަރުވެފައިވެ އެވެ.
މި އަހަރުގެ ހައްޖު މޫސުމުގެ ތެރޭގައި ވެސް ހޫނުގަދަވުމުގެ ސަބަބުން 1،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ސައުދީ އަރަބިއްޔާގެ ކަމާބެހޭ އިދާރާތަކުން ބުނެފައިވެ އެވެ.