ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން ރައްޔިތުންގެ މަޖިލީހުންނަށް ލިބިދޭ ހާއްސަ މެޑިކަލް އިންޝުއަރެންސް ކަނޑާލަން ހިތަދޫ މެދު ދާއިރާފެ މެންބަރު އަހުމަދު އަޒާން ގޮވާލައްވައިފި އެވެ.
ވެރިކަން ކުރާ ޕީއެންސީ އަށް ނިސްބަތްވާ މެންބަރު ވިދާލުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަންނަނީ ހަރަދު ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. އެގޮތުން އެކަމަށް އެއްބާރުލުން ދިނުމުގެ ގޮތުން މަޖިލިސް މެމްބަރުންގެ މެޑިކަލް އިންޝުއަރެންސް ކަނޑާލުމަކީ ކުރެވިދާނެ ކަމެއް ކަމަށާއި މިކަމުގައި މެންބަރުން ނަމޫނާ ވެސް ދައްކަވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.
"މިކަމުގައި އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ނަމޫނާ ދައްކަން ޖެހޭ." އަޒާން ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އެ ބޭފުޅުންގެ އާއިލާ މީހުންނަށް ދައުލަތުން ފޯރުކޮށްދޭ ހާއްސަ މެޑިކަލް އިންޝުއަރެންސް މެދުކަނޑައިލުމަކީ ހަރަދު ކުޑަކުރަން އެޅިދާނެ މުހިއްމު ފިޔަވަޅެއް ކަމަށެވެ.
މަޖިލީހުގެ މެންބަރުންނަށް އާސިއާން ގައުމުތަކުން މެޑިކަލް އިންޝުއަރަންސް ލިބެ އެވެ. އެގޮތުން ބްރޫނާއީ، ބަރްމާ، ކެމްބޯޑިއާ، އިންޑޮނީޝިއާ، މެލޭޝިއާ، ފިލިޕިންސް، ސިންގަޕޫރު އަދި ތައިލޭންޑު ހިދުމަތް ހޯދުމުގެ ފުރުސަތު އޮވެ އެވެ.
"އާންމު ރައްޔިތުންނަށް ނުލިބޭ މެޑިކަލް އިންޝުއަރެންސެއް ދައުލަތުން ހަރަދުކޮށްގެން މެމްބަރުންނަށް ލިބޭކަށް ނުޖެހޭ." އަޒާން ވިދާޅުވި އެވެ.
ލައްކައަކާ ގާތްކުރާ ވަރުގެ ބޮޑު މުސާރައެއް ލިބޭ މަޖިލިސް މެންބަރުންނަކީ އަބަދު ވެސް ހާއްސަ އިމްތިޔާޒުތަކެއް ލިބިދޭ ބައެކެވެ. މިކަމާ ހެދި ރައްޔިތުންފެ ފާޑުކިޔުންތައް ވެސް މެންބަރުންނަށް އަމާޒުވެ އެވެ.
މިހާރު އޮތް 20 ވަނަ މަޖިލީހުގައި 93 މެންބަރުން ތިއްބަ އެވެ.