Last Updated: November 25, 17:24
Monday, November 25, 2024
ޚަބަރު

ބަކާގެ ހަނދާނުގައި ތައުޒިޔާގެ ދަފުތަރެއް

އަންގާރަ ދުވަހު ނިޔާވި ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ތަރި، މުހައްމަދު އާރިފް ބަކާ) ގެ ހަނދާނުގައި މިއަދު ތައުޒިޔާގެ ދަފުތަރެއް ހުޅުވައިފި އެވެ.

އެ ދަފުތަރު ހުޅުވަން އާންމުކޮށް ހުޅުވާލައިގެން ބޭއްވި ރަސްމިއްޔާތު އޮތީ ހަވީރު ގަލޮޅު ދަނޑުގަ އެވެ. ސްޕޯޓްސް މިނިސްޓްރީން ހުޅުވި ދަފުތަރުގައި މިނިސްޓަރު އަބްދުﷲ ރާފިއު އާއި ކުޅިވަރު އާއިލާގެ އެކި މީހުން ބަކާގެ ހަނދާންތައް އާކޮށްފައިވެ އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި މާލޭގައި ތިބި ބަކާގެ އާއިލާގެ ގިނަ ބަޔަކު ވެސް ބައިވެރިވި އެވެ.

ބަކާގެ ހަނދާނުގައި ހުޅުވި ތަޢުޒިޔާގެ ދަފުތަރު، މިހާރު ކުރިއަށްދާ އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތް ޗެމްޕިއަންޝިޕް ނިމެންދެން ގަލޮޅު ދަނޑުގައި ބެހެއްޓިފައި ހުންނާނެ ކަމަށް ސްޕޯޓްސް މިނިސްޓްރީން ބުންޏެވެ.

އައްޑު އަށް ނިސްބަތްވާ ބަކާ، 38، ނިޔާވީ ހައްޖުުގެ އަޅުކަމަށް ފަހު ރާއްޖެ އައިތަނާހެން ކުއްލި ގޮތަކަށް، ބަލިވެ، ހޯމަ ދުވަހުގެ ރޭ އޭޑީކޭގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދަނިކޮށް އަންގާރަ ދުވަހު ހަވީރު އެވެ.

ބަކާ އަކީ ރާއްޖޭގައި އުފެދުނު އެންމެ ހުނަރުވެރި އަދި ކާމިޔާބު ފުޓްބޯޅަ ކުޅުންތެރިން އެކެކެވެ. އޭނަ އަކީ 2008 ވަނަ އަހަރު ރާއްޖެއިން ސާފް ޗެމްޕިއަންޝިޕްގެ ތަށި ނެގި ގައުމީ ޓީމުގައި ވެސް ހިމެނުނު ކުޅުންތެރިއެކެވެ. ބަކާ އަކީ ވިކްޓްރީ، ވެލެންސިއާ، ނިއު ރޭޑިއަންޓް، އީގަލްސް، އައިލޭންށް އެފްސީ އާއި ވީބީ އައްޑޫ އެފްސީގެ އިތުރުން މާޒިޔާ އަށް ވެސް ކުޅެފައިވާ ކުޅުންތެރިއެކެވެ.

މީގެ އިތުރުން މިއަންމާގެ ޓީމެއް ކަމަށްވާ ކަންބަވްޒާ އެފްސީ އަށް ވެސް 2014 ގައި އޭނަ ކުޅުނެވެ.