Last Updated: January 14, 16:31
Tuesday, January 14, 2025
ޚަބަރު

ހަރަދު ކުޑަކުރަން މިނިވަން ދުވަހު ކުޅިވަރުތައް ނުބާއްވާނެ

ރައީސް ޑރ. މުހައްމަދު މުއިއްޒު- ފޮޓޯ: ރައީސް އޮފީސް

ހަރަދު ކުޑަކުރުމުގެ ގޮތުން މިނިވަން ދުވަހުގެ މުނާސަބަތުގައި ބައެއް ހަރަކާތްތައް ނުބޭއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސް މުއިއްޒު "އެކްސް"ގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން، ސަރުކާރުގެ ރިކަރަންޓް ހަރަދު ކުޑަކުރުމަށް އެކި ފިޔަވަޅުތައް އެޅުން ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން ސިޔާސީ މަޤާމުތަކުގެ އަދަދު މަދުކުރުމާއި، އެކި މުނާސަބަތުތަކުގައި ބާއްވާ ހަފްލާތަކަށް ކުރާ ހަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުން ހިމެނޭ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

"މިގޮތުން ކުރިޔަށް އޮތް މިނިވަން ދުވަހަށް ފުޅަނދު ބުރާއި، ކުޅިވަރުތަކާއި ރިސެޕްޝަން ފަދަ ކަންކަން ނުބޭއްވުމަށާއި، ހަމައެކަނި މިނިވަން ދުވަސް ފާހަގަކުރުމަށް ޖަލްސާއެއް ބާއްވާ ޚަރަދުތައް އެތައް ގުނައަކުން ކުޑަކުރުމަށް ވާނީ ކަމާބެހޭ ފަރާތްތަކަށް އަންގާފައި." ރައީސް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރަށްވެސް ގިނަ ފިޔަވަޅުތަކެއް ކުރިޔަށް އޮތް ދުވަސްތަކުގައި އެޅިގެންދާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އެޅުމަށް ރައީސް މުއިއްޒު ވަނީ ނިންމަވާފައެވެ. އެގޮތުން ސިޔާސީ މަގާމުތައް މަދުކުރުމަށް ވެސް މަސައްކަތްތަކެއް ކުރަމުންދާކަން ވަނީ ހާމަކޮށްފައެވެ.