ރާއްޖޭގެ ވެރިރަށް، މާލޭގެ މަގުތަކުގެ ތޮށްޖެހުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ދުބާއީގެ ރޯޑްސް އެންޑް ޓްރާންސްޕޯޓް އޮތޯރިޓީ (އާރްޓީއޭ) އިން އެހީތެރިކަން ފޯރުކޮށް ދޭން ނިންމައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.
މިނިސްޓަރު މުހައްމަދު އަމީން ދުބާއީ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އިއްޔެ ވަނީ އާރްޓީއޭގެ އިސްވެރިންނާ ބައްދަލުކުރައްވައި އެކަމާ ގުޅޭ މަޝްވަރާތަކެއްކޮށްފަ އެވެ. އެ ބައްދަލުވުމަށް ފަހު މިނިސްޓަރު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ދެ އިދާރާ އަށް އެއްބަސްވެވޭ ފްރޭމްވޯކެއް އެކުލަވާލުމަށް ފަހު އާރްޓީއޭއިން މާލޭގެ މަގުތަކުގެ ތޮއްޖެހުން ހައްލުކުރަން ފަންނީ އެހީތެރިކަން ދޭން ނިންމާފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މީގެ ދަށުން މާލޭގެ ޓްރެފިކް މައްސަލަ ހައްލުކުރަން އާރްޓީއޭ ދުބާއީގެ ޓެކްނޮލޮޖީގެ ތަޖުރިބާ ވެސް ބޭނުން ކުރެވިގެން ދާނެ ކަމަށް އަމީން ވިދާޅުވި އެވެ.
މާލެ ސަރަހައްދަށް ދިމާވެފައިވާ ޓްރެފިކްގެ މައްސަލަ ހައްލުކުރަން ބޭރުގެ އެހީ ހޯދާނެކަން ސަރުކާރުން މި އަހަރުގެ ކުރީކޮޅު އިއުލާނުކޮށްފައިވެ އެވެ. އެގޮތުން އިންޓަނޭޝަނަލް ފަންޑިންގައި ޓްރެފިކްގެ މައްސަލަ ހައްލުކުރަން ޕްރޮފެޝަނަލް އެކްސްޕަޓީސް ހޯދުމަށް ބޭރުގެ ބަޔަކާއެކު އޮތީ މިހާރު ވެސް ސޮއިކޮށްފަ އެވެ.
މިނިސްޓަރު އަމީން ވިދާޅުވެފައި ވަނީ ޓްރެފިކްގެ މައްސަލަތައް ހައްލުކުރުމުގައި ދުނިޔެ ނަމޫނާ ދައްކާފައިވާ ޔޫއޭއީ ނުވަތަ ސިންގަޕޫރު ފަދަ ގައުމަކުން ވެސް ބައިލޭޓްރަލްގެ ދަށުން އެކްސްޕާޓުން ގެނެސް، ރާއްޖޭގައި ބައިތިއްބައިގެން މުޅި މައްސަލަ ދެނެގަތުމުގެ އެހީއަށް ފޮރިން މިނިސްޓްރީގައި ވެސް އެދިފައިވާނެ ކަމަށެވެ.